ލ.އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އަޅައިދިނުމަށް އެމަނިކުފާނު ވެވަޑައިގެންފާ ވަޢުދު ފުއްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ލ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މާވަށު ރައްޔިތުންނާއި ލ.އަތޮޅުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމު އެއް ކަމަކަށް އޮތީ އެއަރޕޯޓުކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ލިސްޓުގެ 1 ން 10 އަށް އޮތީ އެއަރޕޯޓުކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

Ad
rt

"އަޅުގަނޑު ވަރަށް ސީރިއަސްކޮށް ދަންނަވައިލާނަން ވާހަކައެއް. މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުރަން މަސައްކަތް މިކުރާ ކަމަކީ، އަޅުގަނޑު ވަޢުދުވެފައި ދެންހުރި ހުރިހާ ވަޢުދެއް ފުއްދުމުގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

ލ.އަތޮޅަށް ވަޢުދުވެފައިވާ ދެވަނަ އެއަރޕޯޓަކީ އެންމެ މުހިންމު ވަޢުދެއް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެން ކޮންމެ ވަޢުދަކީ ފުއްދާނެ ވަޢުދެއް ކަމަށެވެ. އަދި ވަޢުދުވަނީ ފުއްދައި ދިނުމަށްކަމަށާއި، ވަޢުދު ފުއްދަން ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޢުދު ވަނީ ފުއްދޭނެކަމުގެ ޔަޤީންކަން އޮވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

ލ.އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމުގައި ރައީސް ވިސްނުންފުޅު ބެހެއްޓެވި ގޮތް ހިއްސާކުރައްވަމުން ވިދާޅުވީ، އެއަރޕޯޓު އެޅިފައި އޮންނަންޖެހޭނީ ދުރު ރާސްތާއަށް ވިސްނާފައި، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްޤީއެއް ލިބިގެންދާނެ ގޮތަކަށް ކަމަށެވެ. ޓޫރިޒަމް ކުރިއެރުވުމަށް ބަލާއިރުގައިވެސް ގިނަ ރިޒޯޓުތަކެއް ތަރައްޤީކުރެވޭނެ ހިސާބެއްގައި، އަދި ޖިއޮގްރަފިކަލީ ބަލާއިރު އެންމެ އެކަށީގެންވާ ރަށެއްގައި އެއަރޕޯޓު އެޅެންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މި އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅެންޖެހޭނެ ކަމަށް މި ދެންނެވިހެން، ޓޫރިޒަމް ކުރިއެރުވުމާއި، ދަތުރުފަތުރު ކުރުމާއި، މި ހުރިހާ ކަމަކަށް ބަލާއިރުގައިވެސް، އެ ނީޑް އޮތް، އެ ޕޮޓެންޝަލް އޮތް، އެ އުންމީދު، ނޫނީވިއްޔާ އެ މުސްތަޤްބަލު އޮތް ހިސާބެއްގައި. އެހެންވީމާ، އެގޮތަށް އަޅުގަނޑު ނިންމާނަން، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ،" ރައީސް ވިދާޅުވިއެވެ.

''ދެން އެއްގޮތަކަށްވެސް މާޔޫސްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން. އާދެ، އެހެންވީމާ، ދެވަނަ އެއަރޕޯޓެއް މި އަތޮޅުގައި އެޅުމުގެ ވަޢުދު ފުއްދާނަން. ފުއްދާއިރުގައި، މި ދެންނެވި ވިސްނުމުގައި އަޅުގަނޑު އެކަން ކުރާނީ. މާ ލަސްތަކެއްނުވެ، އެކަމަށްވެސް އަޅުގަނޑު ފައިނަލް ޑިޒިޝަނެއް ނަގާނަން.'' ރައީސް ވިދާޅުވެފަވެއެވެ.