އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެޗް.އީ. ޑޭވިޑް ޖެސަޕް، ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ތަރައްޤީކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށާއި، ސިޓީގެ ތަފާތު ތަންތަނަށް ޒިޔާރަތްކުރައްވައިފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން ހައިކޮމިޝަނަރ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ކުުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތް ސެންޓަރަށް ޒިޔާރާތްކޮށް، ނަފްސާނީ ސިއްހަތުގެ މަސައްކަތްތަކާއި، ކޮމިއުނިޓީގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

Ad
rt

މި ޒިޔާރާތާއި ގުޅިގެން ސިޓީ ކައުންސިލުން އާންމުކުރި ޕޯސްޓެއްގައި ވަނީ ކައުންސިލުން ތަރައްޤީކުރާ މެންޓަލް ހެލްތް ސެންޓަރުގެ މަސައްކަތް ކުރިއެރުވުމަށް ހައިކޮމިޝަނަރުގެ ދައުރު ފާހަގަކޮށް، މި މަސައްކަތަށް އޮސްޓްރޭލިއާ ހައިކޮމިޝަނުން ދެއްވި އެހީތެރިކަމަށާއި، ޚާއްސަކޮށް "އޮރިޖިން" މެދުވެރިކޮށް ދެމުންދާ ތަފްސީލީ ދިރާސާ އާއި ފަންނީ އެހީތެރިކަމަށް ޝުކުރު ދަންނަވައިފިއެވެ.

މީގެ އިތުރުން، ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕް ވަނީ މި ދަތުރުފުޅުގައި، އެ ސިޓީގެ މޯޗަރީ، މަލަފެހި ނަރަސަރީ، ކޮމިއުނިޓީ ސެންޓަރު އަދި ބޯޒިޔާރައި ބީޗް މަޝްރޫޢުއަށް ވެސް ޒިޔާރާތްކޮށްފައެވެ.

މި ޒިޔާރަތްތަކުގައި، ކޮމިއުނިޓީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށާއި ތިމާވެށި ރައްކާތެރިކުރުމާއި ބެހޭ ގޮތުން ފުޅާ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.