މިދިޔަ ސެޕްޓެމްބަރު މޯލްޑިވްސް އިމިގްރޭޝަނުން 3884 ޕާސްޕޯޓު ހަދައިދީފައިވާކަމަށް އެ އިދާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުން އެނގޭގޮތުގައި މީގެ ތެރެއިން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން 960 ޕާސްޕޯޓު ވަނީ ހަދައިދީފައެވެ.

Ad
rt

އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ 18 އޮފީހަކުން ޕާސްޕޯޓު ދޫކޮށްފައިވާއިރު މީގެ ތެރެއިން މިދިޔަ މަހު އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައި ވަނީ އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ އިމިގްރޭޝަން އޮފީހުންނެވެ. އެތަނުން 146 ޕާސްޕޯޓް ހައްދައިދީފައިވާއިރު، ކުޑަ ފަރަގަކުން ދެން އެންމެ ގިނަ ޕާސްޕޯޓު ހައްދައިދީފައި ވަނީ ކުޅުދުއްފުށީ ސިޓީގެ އޮފީހުންނެވެ. އެއީ 144 ޕާސްޕޯޓެވެ.

ދެން އެންމެ ގިނަ ޕާސްޕޯޓް ހައްދައިދީފައި ވަނީ 122 ޕާސްޕޯޓު ހެއްދި ލ.ފޮނަދޫ އޮފީހުގައެވެ. ހަތަރު ވަނައަށް އެންމެ ގިނައިން ޕާސްޕޯޓު ހައްދާދީފައި ވަނީ ތިނަދޫ ސިޓީގައެވެ. އެއީ 111 ޕާސްޕޯޓެވެ. ފަސް ވަނައަށް ރ.އުނގޫފާރު އޮފީހުން 100 ޕާސްޕޯޓު ވަނީ ހަދައިދީފައެވެ.

ކުޅުދުއްފުށީ ސިޓީގެ އިތުރުން ބޮޑު ތިލަދުންމަތީގެ އިމިގްރޭޝަން އޮފީސްތަކަށް ބަލާއިރު، ހއ. ދިއްދޫ އޮފީހުން 70 ޕާސްޕޯޓް، އެ އަތޮޅު އިހަވަންދޫ 11 ޕާސްޕޯޓް އަދި ށ. ފުނަދޫ އޮފީހުން 57 ޕާސްޕޯޓް ހަދައިދީފަވެއެވެ.

ޕާސްޕޯޓް ދޫކުރި އިތުރު ރަށްތަކާއި އަދަދު:

- ޏ. ފުވައްމުލަކު ސިޓީ 65 ޕާސްޕޯޓް
- ށ. ފުނަދޫ 57 ޕާސްޕޯޓް
- ދ. ކުޑަހުވަދޫ 47 ޕާސްޕޯޓް
- ބ. އޭދަފުށި 39 ޕާސްޕޯޓް
- ނ. މަނަދޫ 34 ޕާސްޕޯޓް
- އއ. ރަސްދޫ 9 ޕާސްޕޯޓް
- ވ. ފެލިދޫ 1 ޕާސްޕޯޓް
- ފ. ނިލަންދޫ 1 ޕާސްޕޯޓް
- މ. މުލި 1 ޕާސްޕޯޓް
- ތ. ވިލުފުށި 1 ޕާސްޕޯޓް
- ތ. ވޭމަންޑޫ 1 ޕާސްޕޯޓް

މީގެ އިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުން ދައްކައެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރަމުންނެވެ. މިގޮތުން އެންމެ ފަހުން މި ޚިދުމަތް ފެށީ މިދިޔަ ހަފުތާގައި ށ.މިލަންދޫ ގައެވެ.