ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސް ތަޢާރަފްކުރުމަށް އުރީދޫ މޯލްޑިވްސް އިން ގޫގުލް ކްލައުޑާ އެކު ޕާޓްނަރޝިޕެއް ގާއިމުކޮށްފިއެވެ.

ގޫގުލް ވޯކްސްޕޭސްއަކީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެއް ކަމަށްވާއިރު، މި ޚިދުމަތުގެ ތެރޭގައި ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް ޓޫލްސްތަކުގެ އިތުރުން ގޫގުލް ކަލަންޑަރ އާއި ގޫގުލް މީޓް އަދި ގޫގުލް ޗެޓް ހިމެނެއެވެ.

Ad
rt

"އުރީދޫގެ އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބު ވުމަށް އެހީތެރިވެދިނުން. ގޫގުލް ވޯކްސްޕޭސް ފަދަ ލީޑިން ޓޫލްސްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، ކުންފުނިތަކުގެ މަސައްކަތްތައް ކުރާ ގޮތް ބަދަލުކޮށް، އެފިޝިއެންސީ އިތުރުކޮށް، ކަނެކްޓިވިޓީ ހަރުދަނާ ކުރަމުން ގެންދަނީ."

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވި އެވެ.

މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ މުހިންމު ފައިދާތަކުގެ ތެރޭގައި ޕްރޮފެޝަނަލް ބްރޭންޑެޑް އީމެއިލް އެޑްރެސްތައް، ރިއަލްޓައިމް ކޮލަބަރޭޝަން، ރައްކާތެރި ކްލައުޑް މެނޭޖްމަންޓް އަދި ރިމޯޓްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ ރާޖޭޝް މެހެތާ ވިދާޅުވި ގޮތުގައި، ގޫގުލް ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަދަލުކޮށްލާ، މަގްސަދުތައް ހާސިލް ކުރުމަށް މަގުފަހިކޮށްދޭނެއެވެ.

މި އައު އިނީޝިއޭޓިވްގެ ދަށުން އުރީދޫ މޯލްޑިވްސްއިން ވިޔަފާރިތަކަށް ޚާއްސަ ގޫގުލް ވޯކްސްޕޭސް ޕްލޭންތަކެއް ތަޢާރަފުކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.