އުރީދޫ މޯލްޑިވްސް އާއި ޕޭޕާލް ގުޅިގެން ރާއްޖޭގައި ޕޭޕާލްގެ ޚިދުމަތް ތައާރަފުކުރުމަށް އެއްބަސްވެއްޖެއެވެ.

އުރީދޫއިން މިއަދު އިޢުލާންކުރިގޮތުގައި، މި ދެ ކުންފުނީގެ މެދުގައި ވެވޭ ޕާޓްނަރޝިޕްގެ ތަފްސީލްތައް ފައިނަލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

Ad
rt

2026 ވަނަ އަހަރު ތައާރަފުކުރުމަށް ހަމަޖެހިފައިވާ މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ހުރިހާ ވިޔަފާރިތަކަކާއެކު މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޕޭޕާލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެއެވެ.

އުރީދޫ ފިންޓެކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ، "ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ކްރޮސް ބޯޑަރ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް" ކަމަށެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ، "މި އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިޞާދު އިތުރަށް ވަރުގަދަވެ ދިވެހި ރާއްޖެއާއި ދިވެހިރައްޔިތުންނަށް ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެ" ކަމަށެވެ.

މި އައު ޚިދުމަތަކީ ދިވެހިރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.