ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ރޭގަނޑު ހިނގި ހަނގުރާމައިގައި 200 އަށްވުރެ ގިނަ ތާލިބާނުން އަދި އެހެނިހެން ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ މިލިޓަރީން މިއަދު ހާމަކޮށްފިއެވެ.

މި ހަނގުރާމައިގައި ޕާކިސްތާނުގެ 23 ސިފައިން ޝަހީދުވެ، 20 ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އެ ޤައުމުގެ މިލިޓަރީން ބުނެފައިވެއެވެ.

Ad
rt

ޕާކިސްތާނުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި ތާލިބާނުންގެ މަރުކަޒުތަކާއި، ކޭމްޕްތަކާއި، މައި އޮފީސްތަކާއި އަދި އެހީތެރިކަން ފޯރުކޮށްދޭ ވިއުގަތަކަށް ބޮޑެތި ގެއްލުންތައް ދެވިފައިވެއެވެ. ނަމަވެސް އަފްޣާނިސްތާނުން ބުނެފައިވާ ގޮތުގައި މި ހަނގުރާމައިގައި ޕާކިސްތާނުގެ 58 ސިފައިން މަރާލެވިފައިވެއެވެ.

"އަޅުގަނޑުމެންގެ ހަނގުރާމަވެރި މަޤްޞަދުތައް ހާސިލުކުރެވުނު. މިވަގުތަށް ހަނގުރާމަ މަޑުޖައްސާލާފައި މިވަނީ،" އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ އަމީރު ޚާން މުއްތަޤީ ވިދާޅުވިއެވެ.

މި ހަނގުރާމައާ ގުޅިގެން ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބޯޑަރުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށް، ހަމަޖެހުމަށް ގޮވާލާފައެވެ. އަދި އީރާނުން ބުނެފައިވަނީ މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން މަޑުޖައްސާލުމަށް އެހީތެރިވުމަށް ތައްޔާރަށް ތިބިކަމަށެވެ.

ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ވިދާޅުވެފައިވަނީ "ޕާކިސްތާނުގެ ޤައުމީ މަސްލަހަތާއި، ސަރަހައްދީ މިނިވަންކަމާއި ސަލާމަތަށް ރައްކާތެރިވުމަށް" ޕާކިސްތާނުން ދެމިތިބޭނެ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ ބިމުން ޕާކިސްތާނާ ދެކޮޅަށް ހަރަކާތްތެރިވާ ޓެރަރިސްޓުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައިވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ތަޢުލީމީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ދެމިހުންނާނެ ކަމަށާއި، ނަމަވެސް ޕާކިސްތާނުގެ ޤައުމީ މިނިވަންކަމާމެދު އެއްވެސް އެއްބަސްވުމެއް ނުވެވޭނެ ކަމަށެވެ.