އަވައްޓެރި އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން މެދުވެރިވި ބޭސް ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ޔަގީންކޮށްދީފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވަނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުންކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރުމާ ގުޅިގެން އެ ބޭސްތައް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާ ކަމަށެވެ.
މި ބޭސްތައް ބޭނުންކުރި ކުޑަކުދިންތަކެއް އިންޑިއާގައި މަރުވެފައިވާކަން އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެމްއެފްޑީއޭއިން ދެއްވި މައުލޫމާތުގައި، މި ބޭސްތައް އުފެއްދި ކުންފުނިތަކަކީ ރާއްޖެއަށް ބޭސް އިމްޕޯޓުކުރުމަށް އެ އޮތޯރިޓީން ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫންކަމަށާއި، އެހެންކަމުން އެ ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ ގައުމަކަށްވެފައި، ބައެއް ފަހަރު އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެމްއެފްޑީއޭއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ދޭ ބޭހުގައި މިހާރު ފާހަގަކުރެވެމުންދާ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ކުޑަކުދިންގެ ދިޔާ ބޭސްތަކުގައި "ޑައިތެލިން ގްލައިކޯލް" އަދި "އެތިލައިން ގްލައިކޯލް" ނުހިމެނޭކަން ކަށަވަރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!