ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް ހުޅުވާލައިފިއެވެ.

މިގޮތުން އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

Ad
rt

ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ވުޒާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މި ރަށަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގެ ތެރެއިން ރަށެކެވެ.

ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން، 2023 ވަނަ އަހަރުގެ އޮގަސްޓް އަދި އޮކްޓޯބަރު މަހު ހުޅުވާލާފައިވެއެވެ. އެނގިފައިވާ ގޮތުގައި އެންމެ ފަހުން ބީލަން އަލުން ހުޅުވާލަން ޖެހުނީ ފުރަތަމަ ބުރުގައި ކުރިމަތިލި ފަރާތް ޑިސްކޮލިފައިވުމާ ގުޅިގެންނެވެ.

ގުދުރަތީ ގޮތުން ރީތި ނަލަންދޫ މީގެ ކުރިން ބޭނުންކުރަމުން ގޮސްފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ކުރީގެ ސަރުކާރުތަކުން އެ ރަށް އޮތީ ލަނޑާ އާލާކުރާ ފަރާތަކަށް ކުއްޔަށް ދޫކޮށްފައެވެ. އެ ދުވަސްވަރު އެ ރަށުގައި ދަނޑުވެރިކަމުގެ އިތުރުން މަސް ކައްކައި ހިއްކުމުގެ މަސައްކަތް ވެސް ކުރިއެވެ.

މިހާރުގެ ސަރުކާރުން ވަނީ އެ ރަށް ހިންގަމުން ދިޔަ ފަރާތުގެ އަތުން ރަށް ނަގައި، ރިސޯޓެއް ތަރައްގީކުރުމަށް ނިންމާފައެވެ. އަދި އެ ފަރާތަށް ބަދަލުގައި ލ. އަތޮޅުން ރަށެއް ދީފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ނަލަންދޫގެ އިތުރުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓުގެ ބީލަމަށް ވެސް ހުޅުވާލާފަ އެވެ. އެގޮތުން މަދުވެގެން 1000 އެނދުގެ ރިސޯޓެއް އެރަށުގައި ތަރައްގީ ކުރުމަށް ވަނީ ހުޅުވާލާފައެވެ.