ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤުގެ މައިގަނޑު އަސާސެއްކަމަށާއި، މި ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި މިއަހަރުގެ ޝިޢާރު ކަމުގައިވާ "އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން" އަށް ރިޢާޔަތްކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ، ދެމިގެންދާ އިންސާނީ ކާރިސާތަކުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.

Ad
rt

އެގޮތުން ފަލަސްޠީނުގެ ރައްޔިތުންނަކީ މިފަދަ ހާލަތެއްގެ މިސާލެއްކަމަށް ފާހަގަކުރައްވައި، އެފަދަ ޙާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވަނީ ހަމައެކަނި މާއްދީ ގެއްލުން ނޫންކަމަށާއި، އަންދާޒާނުކުރެވޭ ވަރުގެ ނަފްސާނީ ގެއްލުން އެފަރާތްތަކުން ތަޙައްމަލުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި ވަނީ، އެމަނިކުފާނުގެ ޒަޢާމަތުގައި ސިޔާސަތުތަކާއި، ރޭވުންތަކާއި، ބަޖެޓުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން މެންޓަލް ހެލްތު ޤާނޫނުގެ ދަށުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، އަމިއްލައަށް މަރުވުންފަދަ ކަންކަން ހުއްޓުވުމަށް ޤައުމީ ފެންވަރުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ރާއްވަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ނަފްސާނީ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން ޓެލެ-މެންޓަލް ހެލްތު ކުރިއަށް ގެންދިޔުމާއި، ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ޚިދުމަތް އިމަރޖެންސީ ރެސްޕޮންސް ނިޒާމުގެ ތެރެއަށް ފުޅާކުރުން ހިމެނޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިންގެ ވިލުންތެރިކަމާއި، އުންމީދާއި، ހިތްވަރު އިތުރަށް ވަރުގަދަކުރުމުގައި ޖަމުޢިއްޔާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ސަރުކާރުން ގުޅިގެން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވެއެވެ.