އދ.އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި އދ. ކުޑަދޫފަޅާއި، އަދި އަނެއް ދެ ފަޅުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސްގެ ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތީން، އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި ފަޅުތައް އޮމަދޫ ކައުންސިލާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

Ad
rt

މި ފަޅުތަކުގެ ތެރޭގައި ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1329 އަދި RF1330 ފަޅު ހިމެނެއެވެ.

ރަށު ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކަށް މި ފަޅުތައް ބޭނުންކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރެއިން، އަންނަ އަހަރުގެ ކުރީކޮޅު އޮމަދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އޮމަދޫގައި މެދުކެނޑިފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށްޓަކައި، އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏަށް ބާރުއަޅުއްވައި، މަޝްރޫޢު ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ގާތުން ބައްލަވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އޮމަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ވޮލީކޯޓު ތަރައްޤީކުރުމާއި، ފުލުހުންގެ މަރުކަޒާއި، ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ އިތުރުން، އޮމަދޫ ކައުންސިލް އިދާރާ އާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އެޅުއްވިއެވެ.