އދ. އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެއަތޮޅު އަލިކޮއެ ރަށް، ޓޫރިސްޓުން ގޮވައިގެން ގޮސް، ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، އދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ ހޯދަމުން އަންނަ ރަށެއް ކަމުގައި ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަނީ ނިންމަވާފައެވެ. އަދި މި ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މީގެ އިތުރުން، "އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުން ވެސް ގެސްޓުން ގޮވައިގެން ދެވޭނެ ހުސް ރަށްތަކެއް ނެތުމުން، އަލިކޮއެ ރަށް، ގެސްޓުން ގޮވައިގެން ގޮސް ބޭނުންކުރެވޭނެ ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމާފައި" ކަމަށް ރައީސް ވިދާޅުވިއެވެ.
އަލިކޮއެ ރަށް އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުޞޫލެއްގެ ދަށުން ހަންޏާމީދޫއާއި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް އެ ރަށް ބޭނުންކުރެވޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!