ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިކަން ޢިއުލާންކުރަށްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގެ އާބާދީ ބޮޑުވެ، ބީޗުތައް ހުސްވަމުންދާތީ، އާންމު ރައްޔިތުންނާއި ޓޫރިސްޓުންނަށް ޕިކްނިކް ހަދަން ދެވޭނެ ރަށްތައް ނެތްކަމުގެ ޝަކުވާ ގިނަ ފަރާތްތަކުން އަންނަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީން ކެބިނެޓަށް ޕޭޕަރެއް ތައްޔާރުކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ޕޭޕަރު ހުށަހެޅޭނެ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ދަށުން، ސަރުކާރުގެ ކަމާބެހޭ ކުންފުންޏެއް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ރަށްތައް މެނޭޖްކުރާނެ ގޮތާއި، ހަފްތާގެ އެކި ދުވަސްތަކުގައި ޓޫރިސްޓުންނަށާއި އާންމު ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތްތައް ކަނޑައެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
''މިހާތަނަށް ރަށްރަށަށް ކުރެވުނު ދަތުރުތަކުގައި، އަޅުގަނޑުމެންނަށް ވަރަށް ގިނައިން އައި ކަމެއް. ވަރަށް ގިނަ ރަށްތަކުން ރިކްއެސްޓް އައިސްފައި އޮތް ކަމެއް. ޢާއިލާތައް ގޮވައިގެން ދަތުރުދާނެ ތަނެއްވެސް ނެތް ވާހަކައާއި، އަދި މި ދެންނެވި ގޮތަށް، ގެސްޓުން ގޮވައިގެން ދާނެ ތަނެއްވެސް ނެތް ވާހަކަ. އެހެންވީމާ، އެ ބޭނުމަށް، ޕަރޕަސްލީ ބިލްޑް، ސްޓޭޓް އޮފް ދި އަރޓް ފެސިލިޓީޒްތަކާ އެކީގައި ގާއިމުކުރުމަށް، ރަށްތަކެއް ކަނޑައެޅުން. މިއީ އެއްދުވަހުން ވާނެ ކަމެއް ނޫން، އެހެންނަމަވެސް، ރަށްތަކެއް ކަނޑައަޅައި، އެކަމަށް އިންވެސްޓް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ކުންފުންޏެއް ކަނޑައަޅައި، އެކަމަށްޓަކައި މަސައްކަތްތަކެއް ކުރުމުގެ ސިޔާސަތެއް ކަނޑައަޅުމަށް، މިހާރު ކެބިނެޓަށް ޕޭޕަރެއް މި ހުށަހަޅަނީ. އިރާދަކުރެއްވިއްޔާ ދެ ހަފުތާއެއް ތެރޭގައި ހުށަހެޅޭނެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި ޕޭޕަރުގައި ހުރިހާ އަތޮޅުތަކުގެ ރަށްތަކުގެ ނަންތައް ހިމެނޭނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ އުންމީދުތަކަށް ކުލަޖެއްސި، ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!