އދ. ފެންފުށީގައި ފަސް މަޝްރޫޢުއެއް އަލަށް ފަށައި، އިތުރު ދެ މަޝްރޫޢު ފެށުމަށް މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތައް ފެށި ރަސްމިއްޔާތާއި، ސޮއިކުރި ރަސްމިއްޔާތުގައި ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ރަސްމިއްޔާތުގައި ސޮއިކުރެވުނު ދެ މަޝްރޫޢަކީ ފެންފުށީގައި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫޢުތަކެވެ.

މީގެ އިތުރުން، އެރަށު ސިއްޙީ މަރުކަޒު، ފުލުހުންގެ މަރުކަޒު، ކުނި މެނޭޖްކުރާ މަރުކަޒު، ފުޓުބޯޅަ ދަނޑުގެ ވަށައިގެން ޓްރެކް އަދި ވޮލީކޯޓު އިމާރާތްކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްވެސް މިއަދު އެރަށުގައި ވަނީ ފަށާފައެވެ.

އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ފެންފުށީގެ ނަރުދަމާގެ މަޝްރޫޢާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، މި މައްސަލައަކީ ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ މި މަސައްކަތް އަލުން ފެށިފައި ނުވާތީ، ސަރުކާރުން ނިންމާފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް އެހެން ގޮތަކުން މަޝްރޫޢު ކުރިއަށް ގެންދިއުމަށްކަމަށް ވިދާޅުވިއެވެ. އަދި ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މީގެ އިތުރުން، ފެންފުށީގެ ސްކޫލްގެ މަސައްކަތް އަލުން ފަށައި، އަންނަ ދިރާސީ އަހަރަށް އިމާރާތް ބޭނުންކުރެވޭ ގޮތަށް ނިންމާނެ ކަމަށް ރައީސް މި ޢިއްޒު ވިދާޅުވެފައިވެއެވެ.