އދ. ދިގުރަށުން އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުޞޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނު އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް ވިދާޅުވިގޮތުގައި، ދިގުރަށު ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެކެވެ.

"މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރުކުރަން ރައްޔިތުން ބޭނުންވޭ. އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުޞޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދޭން ވަނީ ނިންމާފައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި، ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިޢުލާން ކުރެވިގެންދާ ގޮތަށް އުޞޫލު ބައްޓަންކޮށް، ހައުސިންގ މިނިސްޓްރީން ކައުންސިލަށް އުސޫލު ފޮނުއްވާނެއެވެ. އަދި އެ އުޞޫލު ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ފައިނަލް ކުރުމަށް ރައީސް ވަނީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން، ރަށުގައި މަސައްކަތްކުރާްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް އަޅައިދީ، ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އަޅައިދިނުމަށް ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ދިގުރަށު މަގުހެދުމުގެ މަޝްރޫޢާއި ސްކޫލްގެޫލްގެ އައު އިމާރާތް ބިނާކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިގުރަށު ޕޮލިސް ޕޯސްޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ޞިއްޙީ މަރުކަޒުގެ އޮފީސް އިމާރާތް ވަނީ ހުޅުވާފައެވެ.