ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންޖެހޭނީ އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޤައުމީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި، ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އަރިސްކުރައްވަމުން، މި ދާއިރާއަކީ ޚަބަރާއި މަޢުލޫމާތު އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.

"ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭންޖެހޭ ޚިދުމަތެއް" ރައީސް ވިދާޅުވިއެވެ.

މީޑިއާގެ ދައުރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް އަމާޒަކަށް ވާންޖެހޭނީ އިސްލާމީ އުސޫލުތަކާއި ދިވެހި އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތިން މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށެވެ.

ހަމައެއާއެކު، ބްރޯޑްކާސްޓަރުންގެ މަސައްކަތުން ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިންމު ބައިވެރިންގެ ގޮތުގައި ތިބުމަށްވެސް ރައީސް ގޮވާލެއްވިއެވެ.