ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް އިއްޔެ ހަވީރު ބައްލަވާލައްވައިފިއެވެ.
ނޭޝަނަލް ސަރފިންގ ސްޓޭޑިއަމް ތަރައްގީކުރަމުން އަންނަނީ މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައެވެ.
މިތަން ތަރައްގީކުރުމުގެ މަސައްކަތް ބައްލަވައިލެއްވުމަށް ރައީސް އިއްޔެ ހަވީރުކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ހޯއްދަވައިފައެވެ.
މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ. މަސައްކަތުގެ ސައިޓަށް ވަޑައިގެން ރައީސް ވަނީ މަސައްކަތް ނިމިފައިވާ މިންވަރާއި ކުރިއަށްދާ މަރުހަލާތަކުގެ ތަފްޞީލު މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން އޮޅުންފިލުއްވައިފައެވެ.
ބައިނަލްއަޤުވާމީ ފެންވަރުގެ މި ސްޓޭޑިއަމްގައި ކުޅިބަލާ ސަރަޙައްދު، މީޑިއާ ސަރަޙައްދު، ކޮމެންޓްރީ ބޮކްސް، ޖިމް، މަލްޓިޕަރޕަސް ހޯލު އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭނެއެވެ.
މި މަސައްކަތް ނިމުމުން، ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ރާޅާއެޅުމުގެ މުބާރާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ދާއިރާއެއްކަމުން، މާލޭގައި މިފަދަ ބައިނަލްއަޤުވާމީ ފެންވަރުގެ ސަރފިންގ ސްޓޭޑިއަމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްވެސް މެއެވެ.
މި ސްޓޭޑިއަމްގެ މަސައްކަތް ނިމި ރާޅާއެޅުމުގެ ކުޅިވަރަށް ހާއްސަ މަރުކަޒެއް ގާއިމުވުމުން، ދިވެހި ސަރފަރުންނަށް ފުރުސަތުތައް އިތުރުވެ، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ހިތްވަރު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!