ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި އެއްކޮށް ދީ ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، 17 ނޮވެމްބަރު 2023 ގައި އެމަނިކުފާނު ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ހުރި އެތައް ހާސް ބިލުތަކެއް ހުރި ކަމަށެވެ.
"ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެ," ރައީސް މުއިއްޒު ވިދާޅުވިއެވެ.
17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ…
— Dr Mohamed Muizzu (@MMuizzu) October 2, 2025
މި ނިންމުމަކީ ފުން އަނދަވަޅެއްގައި އޮތް ދިވެހި އިޤްތިޞާދު ނަގައި ކޮޅަށްޖެހުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މި ނިންމުމާއެކު، ވިޔަފާރިތަކަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ކޮންމެވެސް ވަރަކަށް ހައްލުވެ، އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!