ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އުޅަނދުތައް ހުއްޓުވުމަށް އިސްރާއީލުގެ ކަނޑުގެ ސިފައިން ކުރި މަސައްކަތްތަކުގެ ވީޑިއޯތައް އިސްރާއީލާއި ފްލޮޓިލާއިން އާންމުކޮށްފިއެވެ.

މި ވީޑިއޯތަކުން ދެފަރާތުގެ މެދުގައި ހިނގި ވާހަކަތައް އަޑުއިވޭކަމަށް ''އަލްޖަޒީރާ'' އިން ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

އިސްރާއީލުގެ ބޭރުގެ ކަންތައްތަކާބެހޭ ވުޒާރާއިން ދޫކޮށްލި ވީޑިއޯއެއްގައި، އިސްރާއީލުގެ ކަނޑުގެ އޮފިސަރަކު ފްލޮޓިލާ އުޅަނދުތަކަށް އިސްރާއީލުގެ އަޝްދޯދު ބަނދަރަށް ދަތުރު ބަދަލުކުރުމަށް އަންގާ މަންޒަރު ފެނެއެވެ. އެ އޮފިސަރު ބުނެފައިވާ ގޮތުގައި، އަޝްދޯދަށް ދިއުމުން "އެހީ ސަލާމަތީ ޗެކެއް ހެދުމަށްފަހު" ޣައްޒާއަށް ފޮނުވާނެއެވެ.

މިކަމާ ގުޅިގެން ގްލޯބަލް ސުމޫދު ފްލޮޓިލާއިންވެސް ވަނީ އެމީހުންގެ އަމިއްލަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފްލޮޓިލާގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރު ތިއާގޯ އަވީލާ ދިން ޖަވާބު އަޑުއިވެއެވެ.

"ތިބާމެން ބުނަނީ އަހަރުމެން ހަނގުރާމައިގެ ސަރަހައްދަކަށް ވަންނަނީ ކަމަށް، ތިބާމެން ބުނަނީ އަހަރުމެން ތިބާމެން ހަނގުރާމައިގެ ކުށްތައް ކުރަމުންދާ ތަނަކަށް ވަންނަނީ ކަމަށް." އޭނާ އިސްރާއީލާ މުޚާތަބުކޮށް ވިދާޅުވެފަވެއެވެ.

''މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް، އަދިވެސް އެއްފަހަރު ހަނދާންކޮށްދެން، ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސްއިން ވަނީ ޣައްޒާއަށް އިންސާނީ އެހީގެ މިޝަނަކަށް ހުރަސްއެޅުމުގެ އެއްވެސް މަސައްކަތެއް ބައިނަލްއަޤްވާމީ ޤާނޫނުން މަނާކުރާ ކަމަށް ވަގުތީ ރޫލިންގއެއް ނެރެފައި، އަދި [ފްލޮޓިލާ] އިން ދަނީ ތިބާމެން ނަސްލު ހަލާކުކުރުމުގެ ކުށަށް ޒިންމާދާރުކުރުވުމަށް ކުރެވޭ އެދުމާ އެއްގޮތަށް ޢަމަލުކުރަމުން." އަވީލާ އިތުރަށް ވިދާޅުވެފަވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާގައިވާ ފަލަސްޠީނު ރައްޔިތުންނަށް އިންސާނީ އެހީ ކޮންޓްރޯލްކުރުމަށް އޮކިއުޕައިންގ ބާރެއްގެ އެއްވެސް މަސައްކަތަކަށް އިންކާރުކުރުމަކީ އެ އެކްޓިވިސްޓުންގެ އަޚްލާޤީ ވާޖިބެއްކަަމަށެވެ.

''އެމީހުންނަށް... އެމީހުންގެ އަމިއްލަ ސަރަހައްދީ ކަނޑުތައް ކޮންޓްރޯލްކުރުމުގެ ޙައްޤު އެބައޮތް، އެހެންކަމުން، އަހަރުމެން ތިބާމެން ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނަށް އެހީ ގެންދިއުމަށް ޝަރުޢީ އޭޖެންޓެއްގެ ގޮތުގައި ބަލައެއް ނުގަންނަން" އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ މިޝަނުގައި ތިބި އެކްޓިވިސްޓުން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލުގެ އުޅަނދުތައް ކައިރިވުމާއެކު އިންޓަރސެޕްޝަންތައް ހިނގާފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ޣައްޒާއިން ގާތްގަނޑަކަށް 150 ނޯޓިކަލް މޭލު (278 ކިލޯމީޓަރު) ދުރުގައިވާ "ބޮޑަށް ނުރައްކާތެރި ސަރަހައްދު" އިންނެވެ. މިއީ ކުރިންވެސް ފްލޮޓިލާތަކަށް އިސްރާއީލުގެ ބާރުތަކުން ހަމަލާދީ ނުވަތަ ހުއްޓުވާފައިވާ ސަރަހައްދެކެވެ.