އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއްކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، އުމުރުން ދުވަސްވީ ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމުގައެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށް ހެދުމެވެ. އަދި ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ ޤާއިމްކުރުމެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ހިއްސާކުރައްވާފައެވެ.
"ދިރިއުޅުމުގެ ހަގީގަތްތައް ދަސްވަނީ ގިނަދުވަހު ދުނިޔެ އުޅެ ލިބޭ ތަޖްރިބާތަކުން" އެކަމަނާ ވިދާޅުވެފަވެއެވެ.
އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ ދޮށީ އުމުރުގެ މާމަކާފައިންނާއި މައިންބަފައިންގެ އިތުރުން ދައްތައިންނާއި ބޭބެއިންގެ ހިތްހެޔޮ ސާދާ މިޒާޖާއި، ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭކަމުގައެވެ. އަދި އަޅުގަނޑުމެންނަކީ އިސްރަށްވެހީންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރާ، އޯގާތެރި މުޖްތަމަޢެއްގެ އަހުލުވެރީން ކަމުގައި ލެއްވުމަށް އެދި މާތްﷲގެ ހަޒްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!