މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި އޮޕަރޭޝަން ފެށުމުގެ މައިގަނޑު ސަބަބަކީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަނުކޮށް އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން އިތުރުވެ، ނުރައްކާތެރި ހާދިސާތައް ގިނަވަމުން ދިއުމެވެ.

Ad
rt

އެމްއެންޑީއެފުން މަޢުލޫމާތުދިންގޮތުގައި މި އޮޕަރޭޝަންގެ ދަށުން ދަތުރުކުރާ އުޅަނދުފަހަރާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާ ޗެކްކުރެވޭނެއެވެ.

މީގެ އިތުރުން އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯވެސް ބަލާ ޗެކްކުރެވޭނެއެވެ.

އޮޕަރޭޝަންގެ ތެރެއިން ޗެކްކުރެވޭ ކަންތައްތަކުގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި، އުޅަނދުފަހަރުގެ ކެޕްޓަނުންގެ އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުން ހިމެނެއެވެ. އަދި މީގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެހެނިހެން ކަންތައްތައްވެސް ބަލާ ޗެކްކުރެވޭނެއެވެ.

އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތައް ހިމެނޭގޮތަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގައި، ރަށްރަށުގެ ބަނދަރުތަކުން ފުރާ އަދި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރުވެސް ޗެކްކުރާނެއެވެ. އަދި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި، ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.