އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢިއުލާންކުރަށްވައިފިއެވެ.

ރައީސް މިކަން ޢިއުލާންކުރަށްވާފައި ވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ، ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެއެވެ.

''މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި. އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

ކައުންސިލްތަކުގައި ކައުންސިލަރުން ފިޔަވައި ދެން ތިބެނީ ސިވިލްސާވިސް މުވައްޒަފުންނެވެ.

ޕޭ ކޮމިޝަނުން މުސާރަ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2022 ވަނަ އަހަރުވަނީ ނަރުހުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ.