ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އިބްރާހިމް މާހިރު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މާހިރު އެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ.

Ad
rt

މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، އެ ކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ގާޒީއެވެ. އެގޮތުން ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 އަހަރު ވެފައިވާއިރު، އެންމެ ފުރަތަމަ ގާޒީކަމުގެ މަގާމަށް އައްޔަންކުރެއްވީ 2005 ވަނަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހު ސިވިލް ކޯޓަށެވެ. އޭގެފަހުން 2010 ވަނަ އަހަރުގެ މެއި 23 ވަނަ ދުވަހު ފެމިލީ ކޯޓުގެ ގާޒީކަމަށް ބަދަލުވެވަޑައިގަތެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް މާހިރު އައްޔަންކުރެއްވުމުގެ ކުރިން، އެ މަގާމަށް ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޝަހީދު އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވެއެވެ. ނަމަވެސް ހުވައި ކުރުމުގެ ރަސްމިއްޔާތު އޮތް ދުވަހު ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ.

ޝަހީދަކީ އެ ވަގުތު ސަރުކާރުގެ ސިޔާސީ މަގާމެއް ކަމުގައިވާ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެއް ކަމަށްވުމާއެކު، އޭނާ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.