އަމާޒަކީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ 'އަޅުވެތިކަން' ނިމުމަކަށް ގެނެސްދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ކޮޅުމަޑުލު ވޭމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ބޭނުންފުޅުވަނީ ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދީ، ދުރު ހިސާބުތަކަށް ގޮސް ބޮޑު އަގުގައި ޚިދުމަތް ހޯދަންޖެހޭ "އަޅުވެތިކަން" ނިމުމަކަށް ގެނެސްދިނުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވޭމަންޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވޭމަންޑޫގެ ތަރައްޤީއަށްޓަކައި 3 މުހިންމު މަޝްރޫޢެއްގައި ރޭ ވަނީ ސޮއިކުރެވުނުކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އެއީ ބަނދަރު އަޕްގްރޭޑްކުރުމާއި، ބިން ހިއްކުމާއި، ރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކެވެ. މި މަސައްކަތްތައް ހުއްޓުމެއްނެތި ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން ރޭ ރަސްމީކޮށް ތ.އަތޮޅުގައި ފެށި އާރް.ޓީ.އެލް ފެރީގެ ޚިދުމަތަކީ މުޅި އަތޮޅަށް މުހިންމު ޚިދުމަތެއް ކަމަށާއި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލްހެ ޚިދުމަތް ދެވެން ފެށުމުން ކޮޅުމަޑުލުގެ ނެޓްވަރކް އިތުރަށް ފުޅާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށާއި، ތަޢުލީމީ ގޮތުން ވޭމަންޑޫ ސްކޫލުގެ ނުނިމިހުރި މަލްޓިޕަރޕަސް ހޯލާއި އިމާރާތުގެ މަސައްކަތް 2026 ގެ ދިރާސީ އަހަރަށް ނިންމަވައި، އައި.ޔޫ.އެމް ލަރނިންގް ސެންޓަރެއް ޤާއިމުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ފީފާ ސްޓޭންޑާޑްގެ ފުޓުބޯޅަ ދަނޑަކާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތް ފައްޓަވައިދެއްވުމުގެ އިތުރުން ކުޑަކުދިންގެ ޕާކެއް ވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ގޮތުން އަލަށް ތަރައްޤީ ކުރެވޭ 50 އެނދުގެ ހޮސްޕިޓަލުގެ ކަންކަން ފުރިހަމަވަންދެން، މިހާރުން މިހާރަށް ކޮށްދެއްވާނެ ކަންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވޭމަންޑޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ވެސް ވަނީ ފައްޓަވާފައެވެ.