އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޙަލާލު ސެކްޝަނުން، "ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025" ގައި ބައިވެރިވެއްޖެއެވެ.
މި ސެމިނާރަކީ ޙަލާލު ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިއްމު ބައްދަލުވުމެކެވެ.
މި މަހުގެ 24އިން 25ގެ ނިޔަލަށް ސިންގަޕޫރުގެ ހިލްޓަން ހޮޓަލުގައި ކުރިޔަށްދާ މި ސެމިނަރގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެފައިވަނީ، ޙަލާލު ސެޓުފިކޭޝަން ޔުނިޓުގެ މުވައްޒަފު ޝިރާ ޒާހިރެވެ.
ރާއްޖެއިން މި ސެމިނަރގައި ބައިވެރިވުމުގެ މަޤްޞަދަކީ ޙަލާލު ދާއިރާގައި ކުރިއެރުން ހޯދައި، ބައިނަލްއަޤްވާމީ ފެންވަރުގެ އެންމެ ރަނގަޅު އުސޫލުތަކާ ބެހޭ މަޢުލޫމާތު ހޯދުންކަމަށް އެ ވުޒާރާއިން ބުންޏެވެ.
ސެމިނަރގައި ޙަލާލު ގަވަރނަންސްއާއި، ޙަލާލު ސެކްޓަރ ކުރިއެރުވުމަށް ޤައުމުތަކުގެ މެދުގައި ގުޅިގެން ކުރެވިދާނޭ ބައެއް އިސްތިރާޖުތަކާ މެދު ވަރަށް ފުޅާކޮށް މަޝްވަރާކުރެވިފައިވެއެވެ. މީގެ އިތުރުން، ޙަލާލު ސެކްޓަރގެ މުހިއްމު މަސައްކަތްތައް ބަލައިލުމަށް ޓަކައި ކަމާ ބެހޭ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރުން ވެސް ސެމިނަރގެ ޕްރޮގްރާމްގައި ހިމެނިގެންވިއެވެ.
މިފަދަ ބައްދަލުވުންތަކަކީ ރާއްޖޭގެ ޙަލާލު ސެކްޓަރ އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!