ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މި ތަހްނިޔާ ފޮނުއްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މި ސިޓީފުޅުގައި ސައޫދީގެ ޤައުމީ ދުވަހުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދެޤައުމުގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުން ފާހަގަކުރަށްވައި، ދެޤައުމުގެ މެދުގައި އޮތް މި ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަންތަކަމާއި، އިޙްތިރާމާއި، އެއްބާރުލުމުގެ މައްޗަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ސިޓީފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި، އިސްލާމީ އުންމަތުގެ ފައިދާއަށްޓަކައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާއިރު، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމާއި، ޚާއްޞަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގައި ސަޢޫދީ ޢަރަބިއްޔާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރަށްވާފައެވެ.
މީގެއިތުރުން ރައީސް މުޢިއްޒުގެ ރަސްމީ މީސްމީޑިއާ އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައިވެސް، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުމާއި، ދެޤައުމުގެ ލާބައަށް ކުރެވެމުންދާ ކަންކަން ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!