ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން ރަށުގެ ތަރައްޤީއަށް، އަދި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ދިއްގަރަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މ. ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ފުރަތަމަ މަރުހަލާގެ ގޮތުގައި 75 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެއެވެ. އަދި މި މަޝްރޫޢު ނިމުމުގެ ކުރިން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ރޭވިފައިވާ ކަމަށާއި، މިހާރުވެސް އެކަމުގެ ތައްޔާރީތައް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
ދިއްގަރު ބަނދަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖާގައިގެ ގޮތުންނާއި މަރާމާތުގެ ގޮތުން ބަނދަރު އަޕްގްރޭޑްކުރަން ޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢަށް 2026 ވަނަ އަހަރުގެ ކުރީކޮޅު ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދިއްގަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، މަލްޓިޕަރޕަސް ހޯލަކާއެކު 9 ކްލާސްރޫމް ހިމެނޭ އިމާރާތެއް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަރައްޤީކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިއްގަރަކީ މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކުރައްވަމުން، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގެނެވޭ ކުރިއެރުންތަކުގެ ސަބަބުން ރަށުގެ މަސްވެރިންނަށްވެސް ފައިދާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ކަންކަމަކީ ކުއްލިއަކަށް ކުރެވޭނެ ކަންކަމެއް ނޫން، އެހެންނަމަވެސް އެއީ އެއްވެސް ހާލެއްގައި ވަޢުދު ނުފުއްދެވުމެއް ނޫން" ރައީސް ވިދާޅުވެފަވެއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ތަޢުލީމީ، ޞިއްޙީ، ކުޅިވަރު، އުމްރާނީ ވަސީލަތްތަކާއި ގެދޮރުވެރިކަމުގެ ދާއިރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ އަމަލީ ގޮތުން ވަރަށް ގިނަ ކަންތައްތައް ހިނގާ، އަދި ނިމެމުންދާ މަންޒަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!