އަންނަ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް، ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން އުޅޭ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒު ވަނީ، 2028 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ރާއްޖޭގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މަސައްކަތަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދަންޖެހޭ ބޮޑު އަދި މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ޤައުމީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދާނީ ދެފުށްފެންނަ އުސޫލަކުން، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށް ވެސް ވިދާޅުވިއެވެ. މި ގޮތުން، 20 އަހަރުގެ ދިގު މުއްދަތަށް ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މާސްޓަރ ޕްލޭންގެ މައިގަނޑު މަޤްޞަދަކަށްވާނީ، ސިޔާސީ ބަދަލުތަކާ ގުޅިގެން ޤައުމުގެ ތަރައްޤީގެ މަސައްކަތްތައް އެކޮޅުކޮޅުން ޖެހުނަ ނުދިނުމެވެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނެއްވެސް އެކުލަވާލަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިރާއްޖޭގައި ވަށާޖެހޭ ތަރައްޤީއާއި، އެކުލެވޭ ހަމަޖެހުމެއް ޤާއިމުކުރުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.