އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވަނީ، މީގެ ފަސްދޮޅަސް އަހަރު ކުރިން ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވުމަކީ، ރާއްޖެއަށް ލިބުނު އުއްމީދަކާއި އަޒުމެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން އެކި ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ލިބުނު ބާރެއް ކަމަށެވެ.
މި މުނާސަބަތަކީ ތާރީޚީ ނިންމުމެއްގެ އިތުރުން، ރާއްޖެއާއި އދ. އާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ޞިއްޙީ ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ގަވަނަންސްއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އދ. ގައި ބައިވެރިވުމަކީ ދުނިޔޭގެ ކުދި ޤައުމުތަކަށްވެސް ލިބުނު އުއްމީދެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ދައްކާފައި މިވަނީ، އެންމެ ކުދި ގައުމުތަކަށްވެސް ސުލްހައާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާ ކޮށްދެވޭނެކަން،" އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ މެސެޖުގައި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ދިވެހިރާއްޖެއިން އދ. ގައި ދައްކާފައިވާ ހަރުދަނާ ލީޑަޝިޕަށް އަލިއަޅުއްވާލައްވައި، ތަރައްޤީވަމުންއަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ދުނިޔެ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!