ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސްޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނު ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ ފ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ރައްޔިތުން ވަނީ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށާއި، އެއާޕޯޓް ހުޅުވޭނެ ތާރީޚެއް ކަނޑައަޅައިދިނުމަށް ރައީސަށް ދަންނަވާފައެވެ.

މިކަމާއި ގުޅިގެން ރައީސް ވިދާޅުވެފައިވަނީ އެގްރިމަންޓާ އެއްގޮތަށް މުޅި އެއާޕޯޓުގެ މަޝްރޫޢު ގިނަވެގެން 12 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

މީގެއިތުރުން، މަގޫދޫގައި ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކުގެ ތެރެއިން ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ޞިއްޙީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށާއި، ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުން ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ އިތުރުން، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ކައުންސިލް އިދާރާ އަދި ޕޮލިސް ޕޯސްޓްގެ ބިންގާ އަޅުއްވައިދެއްވާފައެވެ.