ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއް ކަމަށާއި، އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ފުޓްބޯޅަ ދަނޑަކާއެކު ދުވާ ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ދަރަނބޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި އެރަށުގައި މިއަދު ފެށި މަޝްރޫޢުތަކާއި ކުރިއަށް ހުރި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ނިމޭއިރު، އެތަނުގައި ވަސީލަތްތަކާއި ޖާގަ އިތުރުވެ، ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢުއްޒު ވަނީ ދަރަނބޫދޫގައި މިއަދު ބިންގާއެޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދާއިރު، ރަށުގައި އައުޓްޑޯ ވޮލީކޯޓަކާއި ފުޓްބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއްކަން ފާހަގަކުރައްވައި، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއްވެސް ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ނުދެވޭ ރަށްރަށުގައި، ފުލުހުންގެ ޚިދުމަތްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ދަރަނބޫދޫގައި މި އަހަރުތެރޭގައި، ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސް މިއަދު ރައްޔިތުންނަށް ދެއްވިއެވެ.
ދަރަނބޫދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ، އިތުރަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢެއް ކަމުގައިވާތީ، އެކަމާ ގުޅޭ މިނިސްޓްރީއާއި ކައުންސިލްގެ މަޝްވަރާއާއެކު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!