ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި އެވެ.

ރަކީދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، މިހާރު އަޅުގަނޑުމެންނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވިއްޖެ" ކަމަށެވެ. އަދި "މިއިން ކޮންމެ އޭޓީއެމް އަކީވެސް އެރަށެއްގެ މުޖުތަމައުތަކުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް އަދި މިއީ ފަސޭހަ ކަމާއެކު އަސާސީ ބޭންކިންގ ޚިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް" ކަމުގައި ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައިވެސް އޭޓީއެމްގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. މިހާރު ބީއެމްއެލްގެ ބޭންކިންގ ވިއުގައިގައި 20 އަތޮޅުގައި 42 ބްރާންޗް، 166 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 225 އޭޓީއެމް ހިމެނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.