ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް މިއަދު ދަންނަވައިފިއެވެ.

އެރަށު ރައްޔިތުން މިގޮތަށް އެދުނީ ރައީސް މިއަދު އެރަށަށް ކުރެއްވި ޒިޔާރާތުގައި ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާގައެވެ.

Ad
rt

ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު ރަކީދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސާ ހިއްސާކޮށްފައި ވެއެވެ.

ރައްޔިތުންގެ މި ހުށަހެޅުމަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން" ކަމަށެވެ. އަދި މިކަމުގައި ރަށުގެ އާބާދީގެ މަދުވެގެން 80 އިންސައްތަ ރައްޔިތުންގެ ރުހުން އޮންނަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްޤީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވުމާއެކު، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިޢާޔަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިއާއެކު، ފެލިދެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް މިވަނީ ރަސްމީކޮށް ދެވެން ފެށިފައެވެ.