ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގެ ސެމީ ފައިނަލް މެޗުން ކުރިހޯދައި، ޕާކިސްތާނު އަދި ސްރީލަންކާ ފައިނަލަށް ގޮސްފިއެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން މެޗު އެކެއްގައި ބަންގްލަދޭޝް އަދި ޕާކިސްތާނު ބައްދަލުކުރި މެޗުން ދެ ސެޓުން ކުރި ހޯދައި، ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާނު ވަނީ މި މުބާރާތުގައ ފައިނަލުން ޖާހަގަހޯދާފައެވެ.

Ad
rt

މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ވާދަކޮށް، ވާދަވެރިކުޅުމަކަށްފަހު ސްރީލަންކާވެސް ރާއްޖެ 2 ސެޓުން ބަލިކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

މިގޮތުން މާދަމާ ރޭ ކުޅޭ ފައިނަލް މެޗުގައި ސްރީލަންކާ އާއި ޕާކިސްތާނު ވާދަކުރާއިރު، މި މުބާރާތުގެ ތިން ވަނަ ހޮވާ މެޗު މާދަމާ ހަވީރު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މެޗުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ލީގު ބުރު ފަސްވަނަ ޓީމާއި ހަވަނަ ޓީމުގެ މެދުގައި ރޭންކް މެޗެއްވެސް މާދަމާ ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުރިއަށްދާ މި މުބާރާތުގައި މުޅި ޖުމްލަ 6 ޤައުމެއްގެ ހޭންޑްބޯޅަ ޓީމުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ސްރީލަންކާ، އިންޑިއާ، ޕާކިސްތާނު، ދިވެހިރާއްޖެ، ސައުތު އެފްރިކާ އަދި ބަންގްލަދޭޝް ހިމެނެއެވެ.