ވ. ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު (ވ.އަތޮޅު) ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ފެލިދޫގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ހޮނިހިރު ދުވަހު ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރެވިގެންދާނީ ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައިކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އިތުރު ވަޞީލަތްތަކާއެކު ސްކޫލް ޢިމާރާތުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ފެށިގެންދާނެއެވެ. އަދި ރާއްޖޭގެ ސީ-އެމްބިއުލާންސް ފްލީޓަށް އުޅަނދުތައް އިތުރުކޮށް، ފެލިދެއަތޮޅުގައިވެސް މި ޚިދުމަތް ޤާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ފެލިދޫގެ ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫޢާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!