ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށައިފިއެވެ.

މާލޭގެ އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

Ad
rt

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 119 މުއައްސަސާއަކުން ޖުމްލަ 1037 ބައިވެރިން ވާދަކުރާއިރު، ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންނާއި، ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޚާއްޞަ ކަންތައްތައް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މިއަހަރުގެ މުބާރާތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު، ގިނަ އަހަރުތަކަކަށްފަހު ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދުކޮށްގެން ކުރިއަށްގެންދެވޭ މުބާރާތެކެވެ. އަދި މުބާރާތުގެ ވަނަތަކަށް ދެވޭ އިނާމުތައްވެސް ވަނީ ދެގުނައަށް އިތުރުކުރުމަށް ނިންމާފައިކަމަށް އެ ވުޒާރާއިން ބުންޏެވެ.

މީގެއިތުރުން، މިއަހަރުގެ މުބާރާތުގައި ޙާފިޡުންގެ ބައިގައި ބައިވެރިވި ފަރާތްތަކުގެ އަދަދު ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެފައެވެ. ފާއިތުވި އަހަރު 15 ޙާފިޡުން ބައިވެރިވިއިރު، މިއަހަރު 31 ޙާފިޡުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ކިޔެވުންތައް ކުރިއަށްދާނެ ގޮތް

މުބާރާތުގެ ކިޔެވުންތައް ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދާނީ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކަމަށްވާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދާނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.