ހދ. ނޭކުރެއްދޫގައި ސަރުކާރުން ގާއިމުކުރާ ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހަދައިދޭނޭ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ހދ. ނޭކުރެއްދޫގައި ސަރުކާރުން ގާއިމުކުރާ ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހެދުމަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާކަމަށެވެ.
އެކަމަށް އެދި މަޢުލޫމާތު ސާފު ކުރުމަށް ހުޅުވާލާފައިވައި ވަނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ. އަދި އެމަސައްކަތަށް ކުރިމަތިލުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖައްސާފައިވަނީ 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:00 އެވެ.
ނޭކުރެންދޫގައި ޖަލެއް އަޅުއްވައިދެއްވާނޭ ކަމަށް ފުރަތަމަ ވަޢުދުވީ 2011 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ނޭކުރެންދުއަށް ކުރެއްވި ޒިޔާރަތުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެމަސައްކަތް ކުރުމަށް ބިން ވަކިކޮށް އެތަނުގައި ހުރި ރުއްގަހަށް ބަދަލުވެސް ދިނެވެ. އޭގެ ފަހުން އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ރައީސް ޔާމީނުގެ ވެރިކަމުގައި އޭރުގެ ހޯމު މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޗައިނާއިން ރާވާ ޖަލެއް ގެނެސް ޖަލު އެރަށުގައި އެޅުމުގެ މަސައްކަތް ކުރައްވާކަމަށެވެ.
އެރަށުގައި ޖަލު އަޅާވާހަކައަކީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ދެކެވުން އަންނަ ވާހަކައެއްކަމަށާއި، ނަމަވެސް މިފަހަރު އެ ރަށުގައި ޖަލެއް އެޅުމަކީ މިސަރުކާރުގެ ރިޔާސިވަޢުދެއްކަމުން މި ސަރުކާރުން އެ ވަޢުދު ފުއްދާނެކަމަށް އުންމީދު ކުރާކަމަށް ނޭކުރެންދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!