ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ވަޅުލަން ނިންމި "ޓައިމް ކެޕްސޫލް" މިއަދު ވަޅުލައިފިއެވެ.
މިލަންދޫ ކައުންސިލުން މި ކެޕްސޫލަށް އެޅުމަށް ހުޅުވާލީ މީގެ 25 އަހަރު ފަހުން މިލަންދޫ އޮންނާނެގޮތުގެ ތަސައްވުރު ހިމެނޭ ލިޔުމާއި ފޮޓެވެ.
މި މަހުގެ 14 އަދި 15 ވަނަ ދުވަހު މި ކެޕްސޫލަށް ލިޔުމާއި ފޮޓޯ އެޅުމަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު މިލަންދޫ ކައުންސިލުން ވަނީ ރޭ 10:00 އާއި ހަމައަށް ރައްޔިތުންނަށް ދީފައެވެ.
މިލަންދޫ އާބާދު 25 ކެޕްސޫލަށް އެރަށުގައި ތިއްބަވާ ފުލުހުން ލިޔުން އަޅަނީ، ފޮޓޯ: މިލަންދޫ ކައުންސިލް
އެއަށްފަހު މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައި އެ ކެޕްސޭލް ވަޅުލާފައެވެ.
މި ކެޕްސޫލަށް ދީފައިވާ ނަމަކީ ''އާބާދު 25'' ކެޕްސޫލެވެ.
މިލަންދޫ އާބާދު 25 ކެޕްސޫލް ވަޅުލުން، ފޮޓޯ: މިލަންދޫ ކައުންސިލް
މާކަނޑޫދޫ މީހުން ބަދަލުވުން
މިލަންދޫގައި އާބާދުވެފައި ވަނީ އެއަތޮޅު މާކަނޑޫދޫ އިން ހިޖުރަކުރި މީހުންނެވެ. މިލަންދޫއަކީ 131 ހެކްޓަރުގެ، މިވަގުތު ށ.އަތޮޅުގައި މީހުންއުޅޭ ބިމުގެ ގޮތުން އެންމެ ބޮޑު ރަށެވެ.
މާކަނޑޫދުއަކީ 88.4 ހެކްޓަރުގެ ބޮޑު ރަށެއް ނަމަވެސް، ދިރިއުޅުމަށް ދަތި ގިނަ މައްސަލަތަކެއް ހުރި ރަށެކެވެ. ރަށުގެ ވަށައިގެން ފަޅެއް ނެތުމުން އޮޑިދޯނިފަހަރު ބޭނުންކުރުމާއި، ރަށަށް އަރާ ފައިބާ ހެދުން އެރަށުގައި އުޅުނު މީހުންނަށް އޮތީ ވަރަށް ދަތިކަމަކަށްވެފައެވެ. މީގެ އިތުރުން ރަށް ގިރުން ބޮޑުވުމުގެ ސަބަބުން ގޮނޑުދޮށާ ކައިރީގައި ހުރި ގެދޮރާއި، މަދަރުސާ އަދި ގަބުރުސްތާނުފަދަ ތަންތަނަށް ނުރައްކާ އޮތީ ކުރިމަތިވެފައެވެ. މާކަނޑޫދޫގެ ބޮޑުބަޔަކީ ކުޅިއާއި ޗަސްބިމެވެ. ހިކިފަސް ތަނަކީ ރަށުގެ ވަށައިގެންވާ 120 ފޫޓެއްހާ ސަރަހައްދެކެވެ. ބިމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ޗަސްބިން ހިއްކައިގެން ގިނަ ގެތަކާއި މަގުތައް އެރަށުގައި ހެދިއެވެ. ނަމަވެސް މިކަމުގެ ސަބަބުން ފެންވަޅުތަކުގެ ފެން ކިލާވެ، ފާރުތައް ކަނޑައިގެންދިއުމާއި، ގެތައް އަޑިއަށް ދިއުންފަދަ މައްސަލަތައް ދިމާވިއެވެ. އެރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވުމާއި، ބިމުގެ ވެލިގަނޑު ކިސަޑުވެފައިވުމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދިމާވި ދަތިތަކެވެ. އެރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވުމާއި، ބިމުގެ ވެލިގަނޑު ކިސަޑުވެފައިވުމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދިމާވި ދަތިތަކާއި މިފަދަ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން، މުޙައްމަދު އަމީންގެ ވެރިކަމުން ފެށިގެން މާކަނޑޫދޫ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރުގައި ދަންނަވާފައެވެ.
މިލަންދޫ އާބާދު 25 ކެޕްސޫލް ވަޅުލުމުގެ ރަސްމިއްޔާތު، ފޮޓޯ: މިލަންދޫ ކައުންސިލް
ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މިފަދަ ހުށަހެޅުމެއް އެރަށުން ސަރުކާރަށް ހުށަހެޅުމުން މާކަނޑޫދޫ ތަރައްޤީކޮށް މީހުން ދިރިއުޅެން ރަނގަޅު ރަށަކަށް ހެދުމަށް ހޭދަވާނެވަރު އެ ސަރުކާރުން ބެލިކަމަށްވެއެވެ. އެ ބެލިބެލުމުން ގާތްގަނޑަކަށް 178 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވުނުކަމަށްވެއެވެ. މީގެ ތެރޭގައި ތޮށިލުމާއި، ބިންހިއްކުމާއި، ބަނދަރު ހެދުން ހިމެނެއެވެ. އެހެންކަމުން، ރަށް ތަރައްޤީ ކުރުމަށްވުރެ، ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުން މާ ޚަރަދުކުޑަ ވާނެކަމަށް ސަރުކާރަށް ފެނުނެވެ. އަދި ޗަސްބިން ހިއްކައި ކުޅި މޫދާ ގުޅުވާލުމަކީ ރަށުގެ ޤުދުރަތީ މާހައުލަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަމަށް ތިމާވެށީގެ ފަރާތްތަކުން ފާހަގަކުރިއެވެ.
މިލަންދޫ އާބާދު 25 ކެޕްސޫލް ވަޅުލުމަށް ލިޔުން އަޅަނީ، ފޮޓޯ: މިލަންދޫ ކައުންސިލް
މިހެންކަމުން، 1992 ވަނަ އަހަރުގެ ޖެނުއަރީ 21 ގައި ވަޒީރުންގެ މަޖިލީހުން މާކަނޑޫދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް އެއިރުގެ ސަރުކާރުން ނިންމެވިއެވެ. މި ނިންމެވުމުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އެންވަޔަރަންމަންޓުން އެރަށު މީހުން ފުނަދޫއަށް ބަދަލުކުރުމަށް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން އެއްބަސް ނުވެ، އިތުރަށް ބެލުމަށް ނިންމެވިއެވެ. މިނިންމެވުމާއެކު އެއިރުގެ އެޓޯލްސް މިނިސްޓަރ އިލްޔާސް އިބްރާހީމް މާކަނޑޫދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ރައްޔިތުން އެދުނީ މިލަންދުއަށް ބަދަލުވުމަށެވެ. މިގޮތުން 1993 ވަނަ އަހަރުގެ މާޗު 13 ގައި މިލަންދޫގައި މަގުތައް ކޮށައި ސާފުކުރުމާއި، އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށިއެވެ. އަދި 1994 ވަނަ އަހަރުގެ މެއި 10 ގައި މިލަންދޫއިން 45 ގޯތި ދޫކުރިއެވެ. މިލަންދުއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ބައެއް ރައްޔިތުން ފުނަދޫއަށް ބަދަލުވުމަށް އެދުނެވެ. އަނެއް ބަޔަކު ބޭނުންވީ މާކަނޑޫދޫ ތަރައްޤީ ކުރުމަށެވެ. އަދި ތިންވަނަ ބަޔަކު ކުރިން ނިންމި ގޮތަށް މިލަންދުއަށް ބަދަލުވާން އެދުނެވެ. މިޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ސަރުކާރުން 1996 ވަނަ އަހަރުގެ ނޮވެމްބަރު 18 ގައި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ވަފުދެއް މާކަނޑޫދުއަށް ފޮނުވައި ރައްޔިތުންގެ ޚިޔާލު ހޯދިއެވެ. މި ވަފުދު އެރަށުގެ 589 މީހުންނާ ބައްދަލުކުރިއިރު، 451 މީހުން މިލަންދުއަށް ބަދަލުވުމަށް ބޭނުންވިއެވެ. އަދި 131 މީހުން ފުނަދޫއަށް ބަދަލުވުމަށް އެދުނެވެ. މިގޮތުން، 1997 ވަނަ އަހަރުގެ މެއި 17 ގައި ވަޒީރުންގެ މަޖިލީހުން ނިންމެވީ މާކަނޑޫދޫ ރައްޔިތުން މިލަންދުއާއި ފުނަދޫއަށް ބަދަލުކުރުމަށެވެ. މާކަނޑޫދޫ ރައްޔިތުން މިލަންދުއާއި ފުނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައެވެ. ފުރަތަމަ ފިޔަވަހީގައި މިލަންދުއަށް 30 ގޭގެ މީހުން، އަދި ފުނަދޫއަށް 5 ގޭގެ މީހުން ބަދަލުކުރިއެވެ. މާކަނޑޫދޫ ރައްޔިތުން މިލަންދޫއަށް ބަދަލުވާން ފެށީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ގައެވެ. އަދި މުޅިން ބަދަލުވެ ނިމުނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ގައެވެ.
މާކަނޑޫދޫ މީހުން ބަދަލުވުމުގެ މައުލޫމާތު ނެގީ އިލްޔާސް ޙުސައިން އިބްރާހީމް. (1999). އެއްފަސްކުރުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!