ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ ކޮނޑުހުޅުގެ ސާޖަރީއަށްފަހު ލަފާކުރިވަރަށް ވުރެ އަވަހަށް ކުޅުމުގެ ތެރެއަށް އަތުވެއްޖެއެވެ.
ވައަތު ކޮނޑުހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފާއިތުވި ސީޒަންގެ ބޮޑުބައި އޭނާ ކުޅުނީ ކޮނޑުގައި ގާޑު އަޅުވައިގެންނެވެ. އެ ސީޒަން ނިންމުމަށްފަހު، އޭނާގެ ކޮނޑުގެ ސާޖަރީއެއް ހަދާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ސާޖަރީއަށްފަހު އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން މަސް ނުވަތަ ހަތަރު މަސް ފަހުންކަމަށް އޮތީ ލަފާކޮށްފައެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ މެޗުތައް މިރޭ ފަށާއިރު، ރެއާލް މެޑްރިޑް މިރޭ 0000 ގައި ނުކުންނާނީ ފްރާންސްގެ މާސޭއާއި ދެކޮޅަށެވެ. ރެއާލުގެ ކޯޗް ޒަބީ އެލަންސޯ އެ މެޗަށް އެކުލަވާލި ޓީމުގައި ބެލިންހަމް ވަނީ ހިމަނާފައެވެ. ނަމަވެސް އޭނާ ސާޖަރީ ހެދިތާ އަދިވީ ދެމަސްދުވަހުގެ މުއްދަތެކެވެ.
ބެލިންހަމް އަކީ ރެއާލް މެޑްރިޑްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާއަކީ އިނގިރޭސި ގައުމީ ޓީމްގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!