ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ.
ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅިގެން ރަށް ދޫކޮށް އެހެން ރަށަކަށް މީހުން ބަދަލުވެފައި އެބަހުއްޓެވެ. މިފަދަ ކަންތަކުގެ ބަޔާންތައް ތާރީޚީ ލިޔުން ތަކުންނާއި މިޒަމާނުގެ ބައެއް އިލްމުވެރީންގެ ލިޔުއްވުން ތަކުން ފެންނަން އެބަހުއްޓެވެ. އެވާހަކަތަކުގެ ގިނަކަމާ އެކު، އަޅުގަނޑު މި ރިޕޯޓުގައި އަލި އަޅުވާލަނީ މީހުން ބަދަލު ވުމުގެ އޮއިވަރުގެ އެއްބަޔަށެވެ. އެއީ ސަރުކާރުން އަންގަވައިގެން، ނުވަތަ ސަރުކާރުން އެކަމަށް ބާރު އަޅުއްވައިގެން އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ މައްޗަށެވެ. ހަމައެކަނި މިހިނގާ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި އެކަންޏެވެ.
ފަހެ، ފަހަކަށް އައިސް އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ އޮއިވަރު ވަނީ، މުޅިރާއްޖޭގައި ވެސް ހިނގާފައެވެ. އެހެންކަމުން ބަލާލަން ފަސޭހަވާނީ ކޮންމެވެސް ތަރުތީބަކުން ފެށިއްޔާކަމަށް ފެންނާތީ، އަޅުގަނޑު ތަރުތީބު ކޮށްފައި މިވަނީ، އުތުރުން ދެކުނަށް ރަށްރަށް ވަކިވަކީން ނެވެ.
ށ. އަތޮޅު: (ފުރަތަމަ މަރްހަލާ)
ސަރުކާރުން މިމަސައްކަތް ރަސްމީ ސިފައެއްގައި ކުރިޔަށް ގެންދެވުމަށް ޓަކައި، 1968 ވަނަ އަހަރުގައި ފާސް ކުރެއްވި ގާނޫނެއްގައި ވަނީ މިހެންނެވެ.
ބިލް ނަންބަރު: 6/68
ތާރީޚު: 1968 – 02 – 10.
އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުން ނެތް ކޮންމެރަށެއް ފަޅުރަށެއް ކަމުގައި ހަމަޖެއްސެމުމުގެ ބިލް.
އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުންނެތް ކޮންމެ ރަށަކީ، ފަޅުރަށެއްކަމުގައި ހަމަޖެއްސުން:
މިބިލަށް އަމަލު ކުރާނީ، 1 މާޗު 1968 މިދުވަހުން ފެށިގެންނެވެ.
ށ. އަތޮޅު ބޮމަސްދޫ މީހުން ށ. އަތޮޅު ފަރުކޮޅު ފުނަދުވަށް ބަދަލުވެ ހަމަޖެހުނީ، 8 މާޗް 1971 ގައެވެ. ބޮމަސްދޫގެ އޭރު އާބާދީއަކީ، 177 މީހުންނެވެ. ބޮމަސްދޫގައި އެއިރުގައި ހުރި ގޭގޭގެ އަދަދަކީ، 35 ގެއެވެ. ބޮމަސްދޫ މީހުން ފަރުކޮޅު ފުނަދޫގައި ތިބެފައި ބޮމަސްދުވަށް ވެސް އަދި އެހެންރަށަކަށް ވެސް އެނބުރި ނުދެއެވެ. ތިބިގޮތަށް ވަޒަންވެރި ވީއެވެ.
ފަރުކޮޅު ފުނަދޫގައި ދިދަޖަހާއި އާބާދުކުރަން ފެށުނީ، 1 ޖެނުއަރީ 1968 ގައެވެ. މިހާރު ފަރުކޮޅުފުނަދޫ އަކީ، ށ. އަތޮޅު ވެރިކަންކުރާ ރަށެވެ. 1996 ގެ ނިޔަލަށް ފަރުކޮޅުފުނަދޫގެ އާބާދީއަކީ، 532 މީހުންނެވެ.
ދެވަނަ މަރްހަލާ
1، ފިރުނބައިދޫ:
ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކުގައި ގެ އަޅައި ދިނުމުން، ށ. އަތޮޅު ފުނަދުވަށް ބަދަލުވާން ތައްޔާރަށް ތިބި ކަމަށް އެންމެ ފުރަތަމައިން ހުށަހެޅީ ފިރުނބައިދޫން ބައެކެވެ. ސިޑުން ހަމަޖައްސާ ފައިވާ އިނާޔަތްތަކާ އެކު ގެ އަޅައި ދިނުމުން ފުނަދުވަށް ބަދަލުވާން ތައްޔާރަށް ތިބިކަމާއި ވީހާ އަވަހަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް ދެއްވުން އެދި ފުރަތަމަ ބުރުގައި ފިރުނބައިދޫން ސިޓިލާފައި ވަނީ، 26 ގެ އަކުންނެވެ. ފިރުނބައިދޫ ގައި މުޅި ޖުމްލަ ހުރީ، 135 ގެ އެވެ. މި ދެންނެވި، 26 ގޭގެ އިތުރަށް އަދި، 20 ގެ އެއްގެ މީހުން ފުނަދުވަށް ބަދަލުކޮށް ދެއްވުމަށް އެދި ހުށަހަޅާފައި ވެއެވެ. ފިރުނބައިދޫން ފުނަދުވަށް ބަދަލުކޮށް ދިނުމަށް، އެދި މިހާތަނަށް ހުށަހަޅާފައިވާ މީހުންގެ ގޭގޭގެ ޖުމްލައަކީ، 46 ގެ އެވެ. ފުނަދުވަށް ބަދަލު ވުމާ މެދު، އަދި ގޮތެއް ނުނިންމާ ފިރުނބައިދޫ ގައި ތިބީ، 89 ގެ އެއްގެ މީހުންނެވެ.

ފިރުނބައިދޫން ފުނަދުވަށް ބަދަލުކޮށް ދެއްވުމަށް އެދި އެންމެ ފުރަތަމަ ހުށަހެޅި، 26 ގޭގެ މީހުންނަށް ފުނަދޫގައި ގެ އަޅައި ދިނުމުގެ މަސައްކަތް ބީލަމަށްލައި ވަކިފަރާތަކާ ހަވާލުކުރެވި ރަސްމީ ގޮތުން ގެ އަޅައިދިނުމުގެ މަސައްކަތް ފުނަދޫގައި ފެށިފައި ވަނީ، 27 ޖޫން 1997 ވަނަ ދުވަހު ހަވީރު، 4:00 ގައެވެ. މިރަސްމީއްޔާތު ގައި އިސްކޮށް ހުރީ، އަޅުގަނޑެވެ.

ފަހެ، ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ނަމުގައި މި މަސައްކަތް ފެށި މިހާތަނަށް ވަނީ، 90% ގެ މަސައްކަތް ނިމި ފައެވެ. ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ، 26 ގޭގެ މީހުން ފުނަދުވަށް ބަދަލުކޮށް ނިމޭވަރު ވާނެއެވެ. މި ފިޔަވަހީގެ މަސައްކަތް ނިމުމާ އެކު، ދެވަނަ ފިޔަވައްސަށް ތައްޔާރު ވެފައި ތިބި، 20 ގޭގެ މަސައްކަތް ފެށޭވަރު ވާނެއެވެ.
އާދެ! ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލު ކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ފެއްޓީ ހުޅުދުއްފާރު ޕްރޮޖެކްޓުން ލިބިފައިވާ ތަޖްރިބާ ތަކަށް ވިސްނުމަށް ފަހު، ފުރަތަމަ ވެސް ބަދަލު ދިނުމުގެ ހުރިހާ މަސައްކަތް ތަކެއް، ޝަރުއީކޯޓު މެދުވެރިކޮށް ޝަރީއަތުން ނިންމުމަށް ފަހުގައެވެ.
ފަހެ، ފިރުނބައިދޫ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ، 26 ގޭގެ މީހުންނަށް އެމީހުންގެ ގޯތިގެދޮރުގެ ބަދަލު ކަމަށް ޝަރީއަތުން ނިންމަވާ ހުކުމް ކުރައްވާފައި ވަނީ، 2,963,948.23 (ދެމިލިޔަން ނުވަސަތޭކަ ފަސްދޮޅަސް ތިންހާސް ނުވަސަތޭކަ ސާޅީސްއަށް ރުފިޔާ ތޭވީސްލާރި) އެވެ. އަދި މި މީހުންގެ އަމިއްލަ ރުއްގަހުގެ ބަދަލުކަމަށް ޝަރީއަތުން ނިންމަވާ ހުކުމް ކުރައްވާފައި ވަނީ، 283,315.68 (ދެލައްކަ އައްޑިހަ ތިންހާސް ތިންސަތޭކަ ފަނަރަ ރުފިޔާ ފަސްދޮޅަސް އަށް ލާރި) އެވެ.
މި ޕްރޮގްރާމްގެ ދަށުން އަލަށް އިމާރާތް ކޮށްދެވޭ ގޭގެ ތަޅުދަނޑިތަކާ ހަވާލުވާ ދުވަހުން ފެށިގެން ދެވޭ މުއްދަތެއްގެ ތެރޭގައި ފިރުނބައިދޫ ގައި ހުރި މުސްކުޅި ގެ ތަޅާލައިގެން ގެންދިއުމަކީ އެމީހެއްގެ އިޚްތިޔާރަށް ދޫކޮށް ލެވިފައިވާ ކަމެކެވެ. މިއީ ވެސް އެފަރާތްތަކަށް ސަރުކާރުން ވެދެއްވާ އިނާޔަތެކެވެ. އެދެވޭ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ، ސަރުކާރަށް ދޫކޮށްލާ ތަކެތިކަމަށް މިހާރުވެސް އެފަރާތްތަކުން ވަނީ، އެއްބަސްވެ ސޮއިކޮށްފަ އެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރެވިފައި ވަނީ އަމިއްލަ ފަރާތަކަށެވެ. މި ގެތައް އިމާރާތްކޮށް ދިނުމަށް އެފަރާތާއި ސިޑުއައި އެއްބަސް ވެވިފައި ވަނީ އެފަރާތުގެ އަމިއްލަ ތަކެތީގައި މުޅިން ނިންމައިދޭ ގޮތަށެވެ. މި ފިޔަވަހީގެ މަސައްކަތަށް ޚަރަދުވާނީ، 5,869,700.00 (ފަސް މިލިއަން އަށްސަތޭކަ ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ރުފިޔާ) އެވެ.
ފަހެ، ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލުވާން ހަމަޖެހުމާ ގުޅިގެން ފުނަދޫގައި ސިއްހީމަރުކަޒު މިނީ ހޮސްޕިޓަލަކަށް މިނިސްޓްރީ އޮފް ހެލްތުން ހައްދަވައި ދެއްވިއެވެ. މި މަސައްކަތަށް ނުވަލައްކަ ރުފިޔާ ޚަރަދު ވެފައިވެ އެވެ. އަދި ސިޑުން ފޮނަދޫ ސްކޫލަށް، 4 ކްލާސްރޫމާއި އިސްޓޭޖްބައެއް ހިމެނޭ އިމާރާތަކާއި ވަކި، 2 ކްލާސްރޫމް ހިމެނޭ އިމާރާތަކާއި އޮފީސް ބަޔަކާއި ފާޚާނާ ބަރިއެއް ހިމެނޭ އިމާރާތަކާއި ވަޅާއި ފެންމުޑިއާއި، 3500 ލީޓަރުގެ ފެންތާނގީއެއް ހިމެނޭ ގޮތަށް އެމަސައްކަތް ނިންމުމަށް، 1,052,646.48 (އެއް މިލިޔަން ފަންސާސް ދެހާސް ހަސަތޭކަ ސާޅީސް ހަރުފިޔާ ސާޅީސް އަށްލާރު) ޚަރަދު ކުރައްވާފައި ވެއެވެ. އަދި ފުނަދޫގެ ކަރަންޓް ސިސްޓަމް ރަނގަޅު ކުރުމަށްޓަކައި، 22 ކިލޯވޯޓުގެ ދެ ޖެނެރޭޓަރާއި، 700.64 ގެ 42 ރޯލު ސަޕްލާ އާއި ތްރީވޭ، 3 މެއިންބޯޑު ހޯދައިދެވި މިހާރު އެއިން ޚިދުމަތް ލިބެމުން ދެއެވެ.
އަދި ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލު ކުރެއްވުމަށް ނިންމެވުމާ ގުޅިގެން ފުނަދޫގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލެވި މުޅި ރަށުގެ ބިން ހަމަ ގޮތުގައި ބޭނުން ކުރެވޭނެ ޗާޓެއް ވަނީ، 1997 ވަނަ އަހަރު ތެރޭގައި ކުރަހާ ނިމިފައެވެ. މި މަސައްކަތްކޮށް ދެއްވީ، ސިޑުގެ އެދުމަށް މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން އެންޑް ފަބްލިކް ވާކްސް އިންނެވެ. 1996 ގެ ނިޔަލަށް ފިރުނބައިދޫގެ އާބާދީ އަކީ، 728 މީހުންނެވެ.
2، މާކަނޑޫދޫ:
މާކަނޑޫދޫ އަކީ އެކަށީގެންވާ ބޮޑު ރަށެއް ކަމުގައި ވިޔަސް އެރަށުގައި ދިރިއުޅުމަށް ދަތިވާ ވަރަށް ބޮޑެތި މައްސަލަތައް ހުރި ރަށެކެވެ. މިގޮތުން މިދަންނަވާ ކަންތައްތަށް ފާހަގަކޮށް ލެވެއެވެ.
Community spirit in the islands. Maakandoodhoo 2001. pic.twitter.com/29z2kzOZT5
— Ahmed Zahid (@ahmedzahid) May 7, 2020
1، އެރަށުގައި އެއްގޮތަކަށް ވެސް ފަޅު ނެތުމުން އޮޑިދޯނި ފަހަރު ގެންގުޅުމާއި ލަފާފައިބާ އުޅުން ވަރަށް ދަށްޗެވެ.
2، އެރަށަކީ އާދަޔާ ޚިލާފަށް ގިރާރަށެއް ކަމުން މިހާރުވަނީ ސްކޫލް، ސަހަރާ ފަދަ ތަންތަން ވެސް ނުރައްކާވާ ހިސާބަށް ގޮސްފައެވެ.
3، ރަށުގެ ވަށައިގެންވާ، 120 ފޫޓު ފުޅާ ބުރެއްގެ ޖާގަ ފިޔަވައި ރަށުގައި ދެން ބާކީއޮތް ހުރިހާތަނަކީ ޗަސްބިން ނުވަތަ ކުޅިއެވެ. ރަށުން ގެދޮރު އަޅާނެބިން ވަނީ، މުޅިން ހުސްވެފައެވެ. އަދި ޗަސްބިން ހިއްކައިގެން ވެސް ވަރަށްގިނަ ގެ އަޅާފައި ވެއެވެ. އަދި ގިނަ ގޯތިތަކާއި މަގުތައް ވަނީ ފަސް އަޅައިގެން ހިއްކާފައެވެ.
4، ޗަސްބިން ހިއްކައިގެން ގެ އެޅުމުން ދިމާވާ އެކިއެކި މައްސަލަތައް ވަރަށް ގިނައެވެ. މިގޮތުން އެރަށުގެ ފެންވަޅުތަކުގެ ފެން ކަޅުކުލައިގައި ހުރުމާއި ނުބައިވަސް ދުވުން ހިމެނެއެވެ. އަދި ފާރުތައް ކަނޑައިގެން ދިއުމާއި މުޅިގެ އެއްކޮށް މަޑުމަޑުން ގެނބުން ހިމެނެއެވެ.
5، ކިރިޔާވެސް ކަނޑުގެ ރާޅު ބޮޑުވެ ވިއްސާރަ ވާގޮތް ދިމާ ވެއްޖެ ނަމަ، އެދުވަސް ވަރެއްގައި އެރަށުގެ ގެތަކާއި ބަދިގެ ތަކުގައި ކައްކައިގެން ކައިބޮއި އުޅުމަށް ދަތިވާގޮތްވެ ގޭތެރެއާއި ބަދިގެ ތެރޭގައި އާދަޔާޚިލާފަށް ފެންބޮޑުވާ ގޮތް މެދުވެރި ވެއެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
މާކަނޑޫދޫ އަކީ މީހުން ދިރިއުޅުމަށް ރަނގަޅު ރަށެއް ކަމުގައި ހެދުމަށްޓަކައި ވަރަށް ބޮޑު ޚަރަދެއް ހިނގާނެއެވެ. ރަސް ވަށައިގެން ރަނގަޅު ފެންވަރެއްގައި ތޮށިލައިގެން ނުގިރާ ގޮތަށް ހަދަން ޖެހެއެވެ. މި ތޮށިގަނޑު ޓެޓްރާޕޮޑް ބަހައްޓައިގެން ރަށްވަށައިގެން ރަނގަޅު ފެންވަރެއްގައި ތޮށިލައިގެން ނުގިރާގޮތަށް ހަދަން ޖެހެއެވެ. އަދި ރަށުގައި ގެ އަޅާނެ ބިން ހިއްކަން ޖެހެއެވެ. އަދި ރަށުގެ ބަނދަރު ހަދަންޖެހެ އެވެ. ބަނދަރު ހެދެން އަންނަނީ ކުޅިން ބައެއް ހިމަނައިގެން ކަނޑަށް ފޫވައްޓާލުމަށް ފަހު ޝީޓްޕައިލް ކޮށް ގެންނެވެ. މި މަސައްކަތަށް ކުރެވުނު ދިރާސާ ރިޕޯޓުން ދައްކަނީ، މިހުރިހާ މަސައްކަތް ތަކަށް ގާތްގަނޑަކަށް، 178 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
މި ޚަރަދު ކޮށްގެން މާކަނޑޫދޫ ތަރައްގީ ކުރުމަށް ވުރެ މިލަންދުވަށް ނުވަތަ ފުނަދުވަށް މާކަނޑޫދޫ މީހުން ބަދަލު ކުރެވިއްޖެ ނަމަ، މާ ޚަރަދުކުޑަ ވާނެއެވެ. މި ޚަރަދުގެ އިތުރަށް މާކަނޑޫދޫ މީހުން ނުބާލައި އެރަށް ތަރައްގީ ކުރުމުގައި ދިމާވެދާނެ ވަރަށް ބޮޑު ތިމާވެށީގެ މައްސަލައެއް ވެއެވެ. މާކަނޑޫދޫ އަކީ ދިވެހިރާއްޖޭގެ އެހެނިހެން ރަށްތަކައި ވަރަށް ބޮޑު ތަފާތު ރަށަކަށްވީ އިރު އެރަށުގައި އެފަދަ މަސައްކަތެއް ކޮށްފިނަމަ ރަށުގެ މާހައުލު މުޅިން ހަލާކު ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި އެރަށުގެ ކުޅި ކަނޑަށް ފޫވައްޓާލުމަކީ ހަމަ އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ކަމެއްކަން ތިމާވެއްޓާ ބެހޭ ވަރަށްގިނަ ފަރާތްތަކުން ދެކެމުން ދެއެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
ވީމާ މިކަންތައްތަކަށް ބަލާ ދިރާސާ ކުރުމުންލިބޭ ނަތީޖާއަކީ، ހަމަ މިހާރުވެސް މާކަނޑޫދޫ މީހުން އެދެމުން އަންނަ އެދުމުގެ މަތިން އެހެން ރަށަކަށް ބަދަލުކުރަން ވެއްޖެކަމެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
ފަހެ، ތާރީޚީ ނަޒަރަކުން ލިޔުންތަކަށް ބަލާއިރު މާކަނޑޫދޫގެ ތިމާވެއްޓަށް ދިމާވެފައި ހުރި މައްސަލަތަކާ މެދު އެރަށުގެ ރައްޔިތުން ސުމުއްވުލް އަމީރު މުހަންމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުން ސުރެ އެހެންރަށަކަށް ބަދަލުކޮށް ދެއްވުމަށް އެކިއެކި ސިފަސިފައިގައި ސަރުކާރުގެ ރަސްމީ ފަރާތްތަކުގައި ދަންނަވަމުން ދާކަން އެނގެން އެބަހުއްޓެވެ. މާކަނޑުދޫ އަކީ އެރަށުގެ މީހުން އެހެން ރަށަކަށް ބަދަލުވުމަށް އަދި މިއަދުގެ ސަރުކާރަށް ހުށަހެޅި އެންމެ ފުރަތަމަ ރަށެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
އާދެ! ރާއްޖޭގައި ހުރި ދިރިއުޅެން ދަތި އަދި ދިރިއުޅުން ދަތި ވުމާއެކު މީސްކޮޅު މަދު ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގެ މީހުން ދިރިއުޅެން ފަސޭހަ ރަށްރަށަށް ބަދަލުކޮށް ދިނުން އެދި ސަރުކާރަށް ހުށަހަޅަމުން ގެންދާ މައްސަލައާ ގުޅޭގޮތުން، 21 ޖެނުއަރީ 1992 ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
ފަހެ، މި މައްސަލައާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ ފުޅުގައި މިލަދުންމަޑުލު އުތުރުބުރީ މާކަނޑޫދޫއާ ބެހޭ ގޮތުން ވެސް ޚިޔާލު ބަދަލު ކުރެވުނެވެ. އަދި އެރަށުގެ މީހުން ދިރިއުޅެން ފަސޭހަ ރަށަކަށް ބަދަލުވާން އެދިފައިވާ މައްސަލައާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އެންވަޔަރަންމަންޓުން ބެއްލެވުމަށް ފަހު، ފޮނުއްވާފައިވާ ރިޕޯޓުގައި އެރަށު މީހުން ބަދަލު ކުރައްވަން އެންމެ ރަނގަޅު ރަށެއްކަމަށް ފެނިވަޑައި ގަންނަވަނީ، އެއަތޮޅު ފަރުކޮޅުފުނަދޫ ކަމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ މެދު މުޅިން އެއްބަސް ވެވަޑައި ނުގެންނެވޭތީ، މާކަނޑޫދޫ މީހުން ބަދަލު ކުރައްވާނެ ރަށަކާ ބެހޭ ގޮތުން އިތުރަށް ބެއްލެވުމަށް ވަޒީރުންގެ މަޖްލީހުން މަޝްވަރާ ދެއްވުމާ ގުޅިގެން އޭރުގެ އެޓޮލްސް މިނިސްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމް މާކަނޑޫދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު، އަދި ރަށްކުރިއަރުވާ ކޮމެޓީއަށާއި ރަށުގެ ވެރިންނަށް އެކަންތައް އޮތްގޮތް ސާފުކޮށް ދެއްވުމާ ގުޅިގެން އެރަށުގެ ރައްޔިތުން ނިންމެވީ މިލަންދުވަށް ބަދަލުވާށެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
މި މައްސަލަ މިގޮތަށް މާކަނޑޫދޫ މީހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުމުން އޭރު ނިންމެވީ މާކަނޑޫދޫ މީހުން މިލަންދުވަށް ބަދަލުވުމަށެވެ. މިގޮތުގެ މަތިން މިލަންދޫގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ޗާޓެއް ކުރަހައި އެރަށުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ފެއްޓެވިއެވެ. މިހާ ހިސާބަށް އެމަސައްކަތް ގޮސްފައި ވަނިކޮށް މިނިސްޓަރު އިލްޔާސަށް ޖެހުނު ސިޔާސީ ކުންޏެއްގައި ފުރާވަޑައި ގަތުމުން އެމަޝްރޫއު ކުރިޔަށް ގެންދެވީ އަލަށް އެޓޮލްސްއަށް ވަޑައި ގެންނެވި މިނިސްޓަރ އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިންގެ ބެއްލެވުމުގެ ދަށުން އަޅުގަނޑެވެ.
އާދެ! މިލަންދުވަށް މާކަނޑޫދޫ މީހުން ބަދަލު ކުރުމަށްޓަކައި މިލަންދޫ ޕްރޮޖެކްޓުގެ މަސައްކަތް ރަސްމީކޮށް ފެށުނީ، 13 މާޗް 1993 ގައެވެ.
މާކަނޑޫދޫ ފޮޓޯ: އަހްމަދު ޒާހިދު
މިލަންދޫއަކީ މާކަނޑޫދޫ ކައިރީގައި އޮންނަ ސައިޒުގެ ގޮތުން މާކަނޑޫދުއަށް ވުރެބޮޑު ވަރަށް ރީތި ފަޅެއް އޮތް ބިންގަނޑުމޮޅު ފަސްގަނޑު އެއްވަރު ރީތި ރަށެކެވެ. މިރަށުގައި މިހާރުވެސް ވަނީ މާކަނޑޫދޫ މީހުން މިރަށަށް ބަދަލު ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް މިނިސްޓަރު އިލްޔާސް އިރު ކުރެވިފައެވެ. މިގޮތުން ބައެއްމަގު ކޮށާއި ސާފުކޮށް ބޮޑު ގުދަނަކާއި ކުޑަ ބަދިގެއެއް އަދި ކުޑަވަގުތީ އިންޖީނުގެ އެއް ހެދިފައި ވެއެވެ. އަދި ދާއިމީކޮށް ރަށުގައި މުވައްޒަފުން ބައިތިއްބައިގެން ރަށް ދަނީ ބަލަހައްޓަމުން ނެވެ. މިކަން ގެންދަނީ އެ ޕްރޮޖެކްޓުން މިނިސްޓްރީން ޚަރަދުކޮށް ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން އަޅުގަނޑެވެ.
މާކަނޑޫދޫ މީހުން މިލަންދުވަށް ބަދަލުކޮށް މިލަންދޫ އަލުން އާބާދު ކުރުމުގެ ޚަރަދު:
މިލަންދުވަށް ހިނގާނެ ޚަރަދު ތަކުގައި ހިސާބު ހެދިފައި ވަނީ، ރ. ހުޅުދުއްފާރަށް ހިނގިޚަރަދު ތަކަށް ބަލާފައެވެ. ގޭގެއަށް ބަދަލު ދިނުމަށް ކަނޑައަޅާފައިވާ އަގަކީ މިހާރު އިދާރީ ގޮތުން އަގު ކުރެވިފައިވާ ވަރެވެ. އަމިއްލަ ރުއްގަހުގެ ބަދަލު ދިނުމަށް ކަނޑަ އެޅިފައިވާ އަގަކީ ވެސް މިހާރު އިދާރީ ގޮތުން އަގު ކުރެވިފައިވާ ވަރެވެ. އަދި އެއްވެސް ބަޔެއް ޝަރުއީގޮތުން ކޯޓު މެދުވެރި ވެގެން އަގު ކުރެވިފައެއް ނުވެއެވެ. އަދި މިލަންދޫގެ މަސައްކަތުގެ ކޮންސްޓްރަކްޝަން އަންދާސީ ހިސާބުތައް ހެދިފައި ވަނީ، މިނިސްޓްރީ އޮފް ކޮންޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ ލަފާހޯދައި ގެން އެލަފާގެ ދަށުންނެވެ. މިކަމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދުގެ މައިގަނޑު ހިސާބުތައް މި ދަންނަވަނީ އެވެ.
1، މަގުހެދުމާއި ރަށްސާފުކުރުން: 3,000,000.00
2، ރަށް ހިންގުމުގެ ޚަރަދު: (2 އަހަރު) 600,000.00
3، ގޭގެއަށް ބަދަލު ދިނުން: (310 ގެއަށް މިހާރު އަގު ކުރެވިފައިވާ ވަރު) 16,815,005.00
4، ގޯތީގައިހުރި ރުއްގަހާއި ގޯތިން ބޭރުގައި ހުރި ރުއްގަހުގެ ބަދަލު ދިނުން: (361 ފަރާތަށް މިހާރު އަގު ކުރެވިފައިވާ ވަރު) 3,581,883.73
5، ސްކޫލް އެޅުމަށް: 2,100,000.00
6، ހެލްތު ސެންޓަރ އެޅުމަށް: 1,100,000.00
7، އޮފީސް އެޅުމަށް: 400,000.00
8، ކޯޓު އެޅުމަށް: 250,000.00
9، މިސްކިތް އެޅުމަށް: 400,000.00
10، ފާލަން އެޅުމަށް: 90,000.00
11، ކަރަންޓް ސިސްޓަމަށް: 5,915,000.00
*މުޅި ޖުމްލަ: 34,251,888.75
ފަހެ، މި މަސައްކަތުގެ ތެރެއިން، 1996 ވަނަ އަހަރުގެ ނިޔަލަށް މިލަންދޫގައި ކުރެވިފައި ހުރި މަސައްކަތް ތަކަކީ މިއެވެ.
1، ބައެއް މަގު ހަދާއި ސާފުކުރުމަށް: 123,588.20
2، ސްކޫލް އިމާރާތް ކުރުމަށް: 884,912.37
3، އޮފީހާއި ކޯޓު އިމާރާތް ކުރުމަށް: 435,930.96
4، ފާލަމާއި ނެރުމަތި ސާފު ކުރުން: 163,281.36
*މުޅި ޖުމުލަ: 1,607,712.89
އާދެ! 10 މެއި 1994 ދުވަހު މިލަންދޫން ވަނީ، 45 ގޯތި ދޫކުރެވިފައެވެ. މި، 45 ފަރާތަކީ މާކަނޑޫދޫން ގޯއްޗަށް އެދިފައި ތިބި މީހުންގެ ތެރެއިން މިލަންދޫން ގޯތި ދެއްވުމަށް އެދުނު ފަރާތްތަކެވެ. މުޅި މާކަނޑޫދޫން ދޫކުރެވިފައި ވަނީ، 414 ގޯއްޗެވެ. މީގެ ތެރެއިން، 310 ގޯއްޗަކީ، ބަދަލުގައި ގެ އަޅައިދޭން ޖެހޭ ގޯއްޗެވެ. އަދި މާކަނޑޫދޫގައި އެރަށުގެ، 59 ފަރާތަކަށް ގޯތި ދޫކުރެވިފައި ވެއެވެ. މިގޯތި ތަކަކީ، ގެ ނާޅާ ހަމައެކަނި ބިންވަޅުގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި ހުރި ގޯތިތަކަކަށް ވާތީ، ބަދަލުގައި ގެ އަޅައި ދޭކަށް ނުޖެހެއެވެ. ބަދަލުގައި ގެ އަޅައިދޭން ނުޖެހޭ ގެވަޅުތަކުގެ ގޮތުގައި ދޫކުރެވިފައި ހުރި ގޯތިތަކަށް ސިޑުން ހަމަޖައްސާފައިވާ ގޮތުގެ މަތިން ބަދަލުވާ ރަށުން އިނާޔަތެއްގެ ގޮތުގައި ލިބޭނީ، 6 ފޫޓު އުސްމިނަށް ދަނގަޑު ލައްވައިގެން ފައުންޑޭޝަން އަޅައި، 20 ފޫޓުން ތަނބުޖަހައި ގެން އެޅިގަލުން ރާނައި، އަދި ދެފަރާތުގައި ސިމެންތި ޖަހައި ދިނުމާއެކު އިމުގެ ވަށާފާރެވެ. މަގުމަތީ ފާރުގައި ދޮރެއް ބަހައްޓައިދީ ދޮރުފަތް ތަޅާއެކު ހަރުކޮށް މަތި ހިޔާކޮށް ދެވޭނެ އެވެ.
ފަހެ، 1997 ޖޫން ގައި ފިރުނބައިދޫ މީހުން ފުނަދުވަށް، ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު ބަދަލުކުރާ ގޮތަށް ހަމަޖެހި ފުނަދޫގައި އެ ޕްރޮޖެކްޓްގެ ގެތައް އިމާރާތް ކޮށްދޭން ފެށުމުން މާކަނޑޫދޫގެ ބަޔަކު ފުނަދުވަށް ބަދަލުކޮށް ދެއްވުމަށް ސިޑުގައި އެދެން ފަށައިފިއެވެ. އަނެއްބަޔަކު އެއްވެސް ރަށަކަށް މިހާރު ބަދަލުވާން ބޭނުން ނުވާކަމަށް ބުނެ މާކަނޑޫދޫ ތަރައްގީކޮށް ދިނުމަށް އެދި ހުށަހަޅަން ފަށައިފިއެވެ. އަނެއްބަޔަކު އެދެމުންދަނީ ކުރިން ވެސް އޮތްގޮތަށް މިލަންދުވަށް ބަދަލުކޮށް ދެއްވާފައި ފިރުންބައިދޫ މީހުންނަށް، ސިޑުން އެދެއްވާ އިނާޔަތްތަކާ އެކު މިލަންދޫގައި ގެތައް އަޅައި ދިނުމަށެވެ.
އާދެ! މާކަނޑޫދޫ މީހުންގެ ޚިޔާލު މިދެންނެވުނު ހެން ތަފާތުގޮތް ގޮތަށް ބަދަލުވެގެން ދިއުމުން ސަރުކާރުން ގަސްދު ކުރެއްވީ، އެރަށުގެ ރައްޔިތުން އެންމެބޮޑަށް ރުހި ހިތްހަމަ ޖެހޭ ގޮތަކީ ކޮބައިތޯ ބެލުމަށް ދިރާސާތަކެއް ކުރުމަށެވެ. މިގޮތުގެ މަތިން، 18 ނޮވެމްބަރ 1996 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން މާކަނޑޫދުވަށް އަޅުގަނޑު އިސްކޮށް ހުރެގެން ވަފުދެއް ގޮވައިގެން ގޮސް، އެމީހުންގެ ޚިޔާލު ހޯދުނެވެ.
ފަހެ، މިވަފުދުގެ ރިޕޯޓުން ދެއްކި ނަތީޖާއަކީ އެވަގުތު އެރަށުގައި ތިބި، 589 ފަރާތަކާއި ސުވާލު ކުރުމުން، ސިޑުގެ އިނާޔަތްތަކާ އެކު މިލަންދުވަށް ބަދަލުވާން އެދޭ، 451 މީހުންނާއި ފުނަދުވަށް ބަދަލުވާން އެދޭ، 131 މީހުންނާއި ވަކިގޮތަކަށް ޚިޔާލު ނުދޭ، 7 ފަރާތެއް ވާކަމަށެވެ. މިއީ މާކަނޑޫދޫ ހުސްކުރުމަށް ރައްޔިތުންގެ އެދުމާ އެކު ލިބިގެން ދިޔަ ވަރަށް ރަނގަޅު ފުރުސްތެކެވެ. މިނިސްޓަރ ޢަބްދުއްރަޝީދު ޙުސައިންގެ ލަފާފުޅުގެ މަތިން، އަޅުގަނޑު ވަކިވަކިން ގޭގެޔަށް ހިނގައިގެން މި ވިސްނުން އެއީ ބުއްދިވެރި ވިސްނުމެއް ކަން ގޭގޭގައި ތިއްބެވި ކަނބަލުންނަށް ވިސްނައި ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަތުރު ހަދައިގެން އެރަށަށް ގޮސް ހިންގަން ޖެހުނެވެ. އެރަށަކީ ގޭގޭގައި ފިރިހެނުން ވަރަށް ނޫޅޭ ރަށެކެވެ. ގިނަ ފިރިހެނުން ވަޑާމުގެ މަސައްކަތުގައި އުޅެމުންދަނީ ރިސޯޓުތައް ބިނާ ކުރުމުގެ މަސައްކަތު ގައި ރަށުން ބޭރުގައެވެ. އެރަށުގައި، 15 ވަރަކަށް ދުވަހު މަޑުކޮށްގެން ހުންނަން ޖެހުނެވެ.
އާދެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓަރޭޝަނުން މިމައްސަލަ ހުށަހެޅުމާ ގުޅިގެން، މާކަނޑޫދޫ މީހުން ބަދަލު ކުރައްވާނެ ރަށެއް ހަމަޖެއްސެވުމުގެ މައްސަލަ، 4 މެއި 1997 ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުން އެމައްސަލައާ މެދު، މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ، މާކަނޑޫދޫ މީހުން އެއަތޮޅު މިލަންދުވަށާއި ފުނަދުވަށް ބަދަލުކޮށް ދެއްވުމަށެވެ. އަދި ސަރުކާރުގެ ބަޖެޓުތަންދިން މިންވަރަކުން މިއަހަރުން ފެށިގެން މި މަސައްކަތް ކުރިޔަށް ގެންދެވުމަށް ވެސް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވެއެވެ.
މިގޮތަށް ނިންމެވީ މާކަނޑޫދޫ އަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަ ތަކުގެ ސަބަބުން އެރަށުގައި ދިރިއުޅެން ދަތި ވެގެން އެހެން ރަށަކަށް ބަދަލުކޮށް ދެއްވުމަށް އެރަށުގެ މީހުން އެދުމާ ގުޅިގެން އެމީހުން އެދޭ ރަށަކަށް ބަދަލުކޮށް ދެއްވުމަށް ސަރުކާރުން ހަމަޖައްސަވައި، އަދި އެރަށުމީހުން އެދިފައިވާ ގޮތުގެ މަތިން މިލަންދުވަށް ބަދަލުކޮށް ދެއްވުމަށްޓަކައި ވަރަށްގިނަ މަސައްކަތް ތަކެއް މިލަންދޫގައި ކުރައްވާފައި ވާތީއާ، އަދި މާކަނޑޫދޫ ބައެއް މީހުން އެއަތޮޅު ފުނަދުވަށް ބަދަލުވުމަށް އެދިފައި ވާތީއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެ މަތިން މާކަނޑޫދޫ މީހުންގެ ތެރެއިން މިލަންދުވަށް ބަދަލުވާން އެދޭ މީހުން މިލަންދުވަށް އަދި ފުނަދުވަށް ބަދަލުވާން އެދޭ މީހުން ފުނަދުވަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ޓަކައި މަޝްވަރާ ކުރުމަށް އަނެއްކާވެސް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ވަފުދެއް، 22 މެއި 1997 ގައި މާކަނޑޫދޫ އަށް ފޮނުއްވިއެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެންޑް އެޑްމިނިސްޓްރޭޝަނު ގައި މާކަނޑުދޫ މީހުން އެމީހުން ބަދަލު ކުރުމާބެހޭ ހުރިހާ މަސައްކަތްތައް ރާވައި ހިންގުމަށް މަޝްވަރާކުރާ ކޮމެޓީއެއް އުފެއްދެވި އެވެ. މި ކޮމެޓީގައި މިނިސްޓަރުގެ އިތުރުން، 5 ބޭފުޅުން ތިއްބަވައެވެ.
ފަހެ، މާކަނޑޫދޫ ރައްޔިތުންނައި މަޝްވަރާ ކުރުމަށް އެރަށަށް ދިޔަ ވަފުދުގެ ރިޕޯޓުން ދައްކަނީ، މުޅި މާކަނޑޫދޫ ގައި، 414 ގޯތި ގޯތި ދޫކުރެވިފައިވާ ކަމަށެވެ. ބަދަލުދޭން ޖެހޭ، 310 ގެ ހުރިކަމަށެވެ. އަދި ބިންވަޅުގެ ގޮތުގައި ދޫކުރެއްވި، އެއްވެސް މަސައްކަތެއް ނުކޮށްހުރި މާކަނޑޫދޫގައި، 59 ގޯއްޗަކާއި މިލަންދޫގައި، 45 ގޯއްޗެއް ވާކަމަށެވެ.
އަދި ގޯތީގެ ވެރިންގެ ތެރެއިން ވަފުދުގެ ޓީމުން ސުވާލު ކުރެވިފައި ވަނީ، 317 ގޭގެ ވެރިންނާއެވެ. އޭގެ ތެރެއިން، 286 ގެ އެއްގެ މީހުން ބޭނުންވަނީ ފުނަދުވަށް ބަދަލުވާށެވެ. ދެންތިބި، 97 ފަރާތާ ވަނީ ރަށުގައި ނެތުމުގެ ސަބަބުން ސުވާލު ނުކުރެވިފަ އެވެ. ފުނަދުވަށް ދާންތިބި މީހުންގެ އަދަދު މިއަށް ވުރެވެސް ދަށަށް ދާނެ ކަމަށާއި ސުވާލު ނުކުރެވި ތިބި ގޭގެ އެންމެން ވެސް ބަދަލު ވާނީ މިލަންދުވަށް ކަމަށް ލަފާކުރެވޭ ކަމުގައި ރިޕޯޓުގައި ފާހަގަ ކުރެވިފައި ވެއެވެ.
ފަހެ، މިރިޕޯޓަށް ބަލައިގެން މިހާރުވަނީ، މާކަނޑޫދޫން މިލަންދުވަށް ބަދަލުވާ މީހުންގެ ފުރަތަމަ ފިޔަވަހީގައި ހަމަޖައްސާނީ، 30 ގެއެއް ކަމަށް ނިންމާފަ އެވެ. އަދި މާކަނޑޫދޫން ފުނަދުވަށް ބަދަލުވާ މީހުންގެ ފުރަތަމަ ފިޔަވަހީގައި ހަމަޖައްސާނީ، 5 ގެ ކަމަށް ނިންމާފަ އެވެ. މި އަދަދަށް ގޭގެ ހޮވާފައި އެވަނީ، މިކަމަށް އެދިފައި ތިބި އެންމެންގެ މެދުގައި އެރަށުގައި ތިބެގެން ގުރުއަތު ލައިގެންނެވެ. މިހުރިހާ ކަމެއްގައި އިސްކޮށް އެރަށުގައި އަމަލީ މައިދާނުގައި މިމަސައްކަތް ހިންގުވަން އެންމެ އިސްކޮށް ގޮސްހުރީ އަޅުގަނޑެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް މާކަނޑޫދޫގެ އާބާދީއަކީ، 1759 މީހުންނެވެ.
_________________________
ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ ބަސްކޮޅެއް
މިރިޕޯޓު ލިޔުނީ، 1 ޖެނުއަރީ 1999 ގައި، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމް، ޖަވާހިރުވާދީ މާލެ އެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރެވިފައި ވަނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ނާއި ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުންނާއި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅު އޮފީސް ތަކުންނާއި ރަށުއޮފީސް ތަކުންނެވެ. ފަހެ، މިއީ، އޮނަރަބްލް އަބްދުއްރަޝިދު ހުސައިން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ހުންނަވައި، އަޅުގަނޑަށް އަމުރުކުރެއްވި ހިނދު، އަޅުގަނޑު ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއެވެ. މިތާނގައި އަޅުގަނޑު މިގެނެސްދެނީ، ފަހުތިބީންނަށް މި މަސައްކަތަކީ ހެޔޮދަރުމަ ހުރި ކަމަކަށް ވާނެތީއެވެ. އަދި ރާއްޖޭގައި އެއްފަސް ކުރުމުގެ ކަންކަން ހިނގަމުން އައިގޮތުގެ ފެށުން، ހިނގާދިޔަ ގޮތުގެ ތާރީޚީ ފައިދާތަކެއް ހޯދަން ބޭނުންވާ ބަޔަކަށް ފައިދާކުރާނެ އަގުހުރި މަސައްކަތަކަށް ވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ސައިޓްގައި މިރިޕޯޓު މިގެނެސް ދެނީ ފަހެ، އެމަގްސަދުގަ އެވެ.
_________________________
އިދާރީ ނޯޓެއް: މ.ޖަވާހިރުވާދީ، އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަކީ، މަޖީދިއްޔާ ސްކޫލާއި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއާއި މަދީނާ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވާފައި ބޭފުޅެކެވެ. ރާއްޖޭގެ އިސްލާމީ މަރުކަޒު ހުޅުވުމާ ގުޅިގެން އެ މަރުކަޒުގެ އިސްލާމިކް ލައިބްރަރީގައި މުސާޢިދު އަމީނުލް މަކްތަބާގެ މަގާމު ގިނަ ދުވަސްތަކެއްވަންދެން ފުރުއްވިއެވެ. އެއަށްފަހު ސިޔާސީ ބައެއް އޮއިވަރުގައި އެތައްފަހަކު ބަންދުވާން ޖެހިވަޑައިގަތެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ލީގަލް ސެކްޝަނާއި ރީސެޓްލްމަންޓް ސެކްޝަންގެ އިސްވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރުކަން ވެސް ކުރެއްވިއެވެ. އޭގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންކަމުގެ މަޤާމު ވެސް ފުރުއްވާފައި ވެއެވެ.
ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމް ވަނީ، މަންތިރި ނަމުގައި ސިޔާސީ މަޖައްލާއެއް ރަޖިސްޓްރީ ކުރައްވައި ޗާޕްކުރައްވައި ނެރުއްވަން މަސައްކަތް ކުރެއްވިއެވެ.
ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ މިލިޔުން، ނަކަލުކޮށްފައި މިވަނީ، އޭނާގެ ވެބްސައިޓުންނެވެ. "ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން" މިސިލްސިލާގެ ދަށުން މިގެނެސްދެނީ "އެއްފަސްކުރުން" މިސުރުޙީގެ ދަށުން ލިޔެފައިވާ ލިއުމުގައި ތިލަދުންމައްޗައް ނިސްބަތްވާ ރަށްރަށާއި ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ. އެގޮތުން މި ލިއުމުގައި މިވަނީ "ށ. އަތޮޅުގެ ރަށްރަށާއި" ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!