"މާގިނަ ދުވަހެއްނުވެ، އަހަރެންގެ ހަށިގަނޑުގައިވަނީ އަންހެނެއްގެ ޖިންސީ ގުނަވަނެއް ނޫންކަމާއި، އެއީ ހުޅުވިފައިވާ ޒަހަމެއްގޮތަށް އަހަންނަށް ދެކެވެންފެށުނެވެ. އަހަންނަށް ލިބުނު ނުރައްކާތެރި ހިތްވަރު ތަކެއްގެ ސަބަބުން އަހަރެންވީ (ޙަޤީޤަތް އެނގުމުން) ކަނުވެފައެވެ."
27 އަހަރުގެ ޒުވާނަކު އޭނާއަށް ކުރެވުނު ހިތާމަވެރި އަދި މޮޔަ ކަމެއްގެ ވާހަކަ ކިޔައިދިނެ. އަދުގެ ދުނިޔޭގެ ތަހުޒީބީ ޤައުމުތަކުން ދަނީ ވަރަށް ނުރައްކާތެރި ކެންސަރެއް މުޅި ދުނިޔެއަށް ފަތުރަމުންނެވެ. އެއްވެސް އަސްލެއް، ޙަޤީޤަތެއް ނެތް ޚިޔާލުތަކެއްގައި މީސްތަކުން ބައްދައި ނަފްސާނީގޮތުން ކުޅެ، މީސްތަކުންގެ ސިކުނޑިތައް ކާލަމުންނެވެ. އާދެ، މިދެކެވެނީ އެލް.ޖީ.ބީ.ޓީ... ގެ ވާހަކައެވެ.
އިންސާނާ އުފެދިގެން އަންނައިރު އޭނާގެ ޖިންސު ވަކިކުރަން އެނގެއެވެ. ގުނަވަނުން ނޫންނަމަ އާދައިގެ ލޭގެ ޓެސްޓަކުންވެސް މިކަން ކޮށްލެވެއެވެ. އެއީ އަންހެނެއް ނުވަތަ ފިރިހެނެއްކަން ދެނެގަނެވެއެވެ. ކްރޮމޮޒޯމްތަކުން މިކަން ދެނެގަނެވޭއިރު، އެބުނާހާ ބައިވަރު ޖިސްނުތަކެއް ނުފެނެއެވެ. އަންހެން ނުވަތަ ފިރިހެނެވެ. ނަމަވެސް ޑިމޮކްރަސީއާއި ތަހުޒީބުގެ ނަމުގައި ފުރަތަމަ ދުނިޔޭގެ ޤައުމުތަކުން އަދު ކިޔައިދެމުންދަނީ، އިންސާނާ ފިރިހެނެއްގެ ގޮތުގައި އުފަންވީ ކަމުގައިވިޔަސް ޙަޤީޤަތުގައި އޭނާއަކީ އަންހެނަކަށް ވެދާނެއެވެ. ނުވަތަ ފިރިހެނުންނަކީ ފިޠުރަތުގައި އަންހެނުންނަށް ޝައުޤުވެރިވާ ބަޔަކަށްވިޔަސް، ބައެއް ފިރިހެނުންނަކީ ފިރިހެނުންނަށް ޝަޢުޤުވެރިވާ ބަޔަކަށް ވެދާނެއެވެ. އަދި މިފަދަ މީހުންނަށް އެބަޔަކު ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެއެވެ. އަންހެނަކަށް ވާން ބޭނުންވާ ފިރިހެންމީހާ އަށްވެސް މޭކަޕް ކުރުމާއި، އަންހެން ހެދުން ލުމާއި، ފިރހެން ޖިންސީ ގުނަވަން އަންހެން ޖިންސީ ގުނަވަނަކަށް ބަދަލުކޮށް ސާޖަރީވެސް ކުރެވެންވާނެއެވެ.
މިއަދު ކިޔައިދޭން މިއުޅެނީ މިފަދަ ސާޖަރީއެއް ކުރި މީހެއްގެ ވާހަކައެވެ. އޭނާ ކިޔައިދިނެވެ.
އަހަންނަކީ ޔޫރަޕު މީހެކެވެ. ނަމަވެސް ބައްޕައަށް އެމެރިކާއިން ވަޒީފާއެއް ލިބުމާއެކު ބައްޕައާއެކު އެމެރިކާއަށް ހިޖުރަކުރީމެވެ. ކުޑައިރު އަހަރެންގެ ކިބައިގައި އަންހެން ވަންތަކަން ވާކަމުގެ އިހުސާސު އަހަންނަށް ވާން ފެށިއެވެ. އެމެރިކާގައި ޓްރާންސްޖެންޑަރ އަންހެނަކާ އަހަންނާ ބައްދަލުވިއެވެ. (ޓްރާންސް ޖެންޑަރ އަންހެނުންނަކީ އެމީހުންނަކީ އަންހެނުން ކަމަށް ޤަބޫލުކުރާ އަސްލުގައި ފިރިހެނުންނެވެ. އެމީހުން އުޅޭނީ އަންހެން ހެދިގެންނެވެ. އަދި ޤަބޫލުވެސް ކުރަނީ އެއީ އަންހެނުން ކަމަށެވެ.)
މިމީހާ އަހަރެން ގާތު، އަހަރެންގެ އަންހެންވަންތަކަން އިތުރަށް ދެނެގަތުމަށް ވަރަށް ވާހަކަދައްކައި ހަދައެވެ. އަދި އެލް.ޖީ.ބީ.ޓީ ސަޕޯޓް ގުރޫޕަކަށް އަހަރެން ގެންގޮސް އަހަރެންގެ އިހުސާސްތަކާ ބެހޭ ވާހަކަތައް އެގުރޫޕުގެ މީހުންނާ ހިއްސާކުރުމަށް މަގުދައްކައި ހެދިއެވެ. އެގުރޫޕުގެ މެމްބަރުން އަހަންނަށް ވިސްނައިދެމުން ދިޔައީ އަހަންނަކީ ޓްރާންސްޖެންޑަރ އަންހެނެއް ކަމާއި ހަށިގަނޑަށް ބަދަލު ނުގެނެސް ހުއްޓާ ބޮޑުވެއްޖެނަމަ ގެއްލުންތަކެއް ވެދާނެކަމަށެވެ. އަދި އެންމެ ރަނގަޅުގޮތަކީ ވީހާވެސް ޅައުމުރުގައި ކުރަންޖެހޭ ސާޖަރީތައް ހަދައި އަންހެނަކަށް ވުންކަމަށެވެ. އެގުރޫޕުގެ މެމްބަރެއްގެ ގޮތުގައި ކުރިއަށްދެވޭނީ އޭރުންކަމަށްވެސް ބުނަމުން ދިޔައެވެ.
ކުރިން މިބުނެވުނު ޓްރާންސް-އަންހެންމީހާ އަހަރެން ގޮވައިގެ ކުލިނިކަކަށް ގޮސް އަހަރެންގެ މޫނުގައިވާ އިސްތަށިތައް ނައްތާލައި އަލުން ނުފަޅާނެގޮތް ހަދައި، އޮންލައިން ބޭސްފިހާރައަކުން އެކިއެކި ހޯމޯންތައް އަހަންނަށް ގަނެދީ ހެދިއެވެ. އަދި އަންހެން ހެދުންތަކާއި އެހެންވެސް އަންހެން ސާމާނު އަހަންނަށް ގަނެދީ ހެދިއެވެ. އަހަރެންގެ މައިންބަފައިން ގާތު މިވާހަކަ ނުބުނުމަށް އޮތީ އަންގާފައެވެ. މިޓްރީޓްމެންޓް ތަކަށް ޚަރަދުކުރަނީ އޭނާއެވެ.
އެއް އަހަރުވަންދެން މައިންބަފައިންނަށް މިކަން ފޮރުވައިގެން އަހަރެން އުޅުނީމެވެ. ނަމަވެސް އޭގެފަހުން އެމީހުންނަށްވެސް އަހަރެން އަންހެނަކަށް ބަދަލުވުމަށްޓަކައި ކަންތައްތަކެއް ކުރާކަން ފަޅައެރިއެވެ. އަދި އެލް.ޖީ.ބީ.ޓީ އާމެދު ނޯމަލްކޮށް ވިސްނާ ސައިކޮލޮޖިސްޓެއްގެ ގާތުން އަހަންނަށް ތެރަޕީ ދޭން އަހަރެންގެ މައިންބަފައިން ނިންމިއެވެ. ނަމަވެސް އަހަރެންގެ ޓްރާންސް-އަންހެން އެކުވެރިޔާ އަހަރެންގެ ސިކުނޑިއަށް ކެނޑިނޭޅި ދެމުންދިޔަ ވަސްވާހަކީ، އަހަރެންގެ މައިންބަފައިންނަކީ ޓްރާންސްޖެންޑަރ މީހުންނާ "އެންޓި" ބައެއްކަމުގައެވެ. ނުވަތަ "ޓްރާންސްފޯބިކް" ބައެއް ކަމުގައެވެ. އަދި އެމީހުން ބޭނުންވަނީ އަހަންނަށް އަނިޔާކުރަން ކަމަށްބުނެ، ގެއިން ފިލުމަށާއި އޭނާއާއެކު ދިރިއުޅުމަށް އޭނާގެ ގެއަށް އައުމަށް ބުންޏެވެ. އޭނާ ބުނާގޮތަށް ހަދައި މައިންބަފައިން ގާތުން ފިލައިގެން އަހަރެން ދެން އުޅުނީ އޭނާއާއެކުއެވެ.
އަދި އެލް.ޖީ.ބީ.ޓީ ކުރިއަރުވަން މަސައްކަތްކުރާ ސައިކޮލޮޖިސްޓެއްގާތަށް އަހަރެން ގެންގޮސް، "އެންޑޯކްރިނޮލޮޖިސްޓެއްގެ" އެހީގައި އަންހެނަކަށް ބަދަލުވުމަށްޓަކައި ނަގަންޖެހޭ ހޯމޯން ތެރަޕީ ރަސްމީކޮށް ނަގަންވެއްޖެކަން އަހަންނަށް ވިސްނުވައިދިނެވެ. އޭރު އަހަންނަށް އެންމެ 16 އަހަރެވެ. ފުރަތަމަ އެންޑޯކްރިނޮލޮޖިސްޓަށް ދެއްކި ދުވަހުވެސް އަހަންނަކީ ޓްރާންސް-އަންހެނެއް ކަން ކަށަވަރު ކަމަށާއި، ހޯމޯން ތެރަޕީ ނެގުމާއި ސާޖަރީ ހަދައިގެން އަހަރެންގެ ޖިންސީ ގުނަވަން ބަދަލުކުރުން ނޫން ގޮތެއް ނެތްކަން އަހަންނަށް ވިސްނުވައިދިނެވެ. އަހަރެން ކުރިން ނަގަމުން އައި ހޯމޯން ޑޯޒަށްވުރެ އެތައް ގުނައެއް ބޮޑު ޑޯޒެއް އެމީހުން އަހަންނަށް ދެމުން ގެންދިޔައެވެ. އަދި އެޑޯޒުގައި ހޯމޯން ތެރަޕީ ނެގުން ކޮންމެހެން މުހިންމު ކަމުގައި ބުންޏެވެ.
މިތަނުން ހޯމޯންގެ މިހާ ބޮޑު ޑޯޒެއްގައި ނަގަން ފެށުމާއެކު އަހަންނަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވާން ފެށިއެވެ. އެގޮތުން އަހަރެންގެ ބްލެޑާއަށް މައްސަލަތަކެއް ކުރިމަތިވިއެވެ. އަދި އޭގެސަބަބުން ބޭނުންކުރަމުން އައި ބައެއް ބޭސްތައް އަހަންނަށް ބޭނުން ނުކުރެވޭގޮތް ވާންފެށިއެވެ. އެހިސާބުން އެއްކަލަ ރަހުމަތްތެރިޔާ އަހަންނަށް ވިސްނައިދިނީ އަނެއްކާވެސް ތެރަޕިސްޓަކަށް ދައްކައިގެން "އޯކިއެކްޓޮމީ" ހަދަން އުޅެންވީކަމަށެވެ. އޯކިއެކްޓޮމީ ހެދުމުން އަހަންނަށް ބޭނުން ނުކުރެވޭގޮތްވި ބޭސްތައް ބޭނުންކުރާކަށް ނުޖެހޭނެއެވެ. މިކަމާބެހޭ ޕްރައިވެޓް ކުލިނިކަކަށް އަހަރެން ދައްކައި، ފުރަތަމަ ދުވަހުންވެސް މި ޕްރޮސީޖާ ހަދަން އަހަންނަށް އަންގައި ހުރިހާކަމެއް ތައްޔާރުވެގެންދިޔައެވެ. އަދި އުމުރުން 18 އަހަރުގައި މިކަންވެސް ކުރީއެވެ. އަހަރެންގެ އޯކިއެކްޓޮމީ އަށްވެސް ޚަރަދު ކުރީ އަހަރެންގެ އެކުވެރި ޓްރާންޖެންޑަރ އަންހެންމީހާއެވެ.
މިހިސާބުން ކަންކަން ގޯހުންގޯހަށް ދާން ފެށިއެވެ. އަހަރެންގެ ޓްރާންސް-އަންހެން އެކުވެރިޔާ އަމިއްލައަށް މަރުވެ، އެތައްބައިވަރު މައްސަލަތަކެއްގެ ތެރެއަށް އަހަރެން ދޫކޮށްފައި މިދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. އަހަރެން އުޅޭނެ ތަނެއް ނެތި މަގުމަތިވީއެވެ. ބަނޑުފުރާނަ މުއްތިކުރާނެ އެއްޗެއް ގަންނާނޭހާވެސް އަހަރެންގެ އަތަކު ނެތެވެ. އަހަރެން ނަގަމުން އައި ހޯމޯން ތެރަޕީވެސް ހުއްޓުނީއެވެ. އެންމެފަހުން 1 ކޮޓަރީގެ ކުޑަކުޑަ ތަނެއް ކުއްޔަށް ހިފައި، އެތަނަށް ކުލި ދެއްކުމަށާއި ކާން،ބޯން ފައިސާ ހޯދުމަށް އަހަރެން ހަށިވިއްކަންވެސް ފެށީމެވެ.
ހޯމޯން ނުނެގި 3 އަހަރު ވުމަށްފަހު 2014ގައި އަހަރެންގެ ބުރަކަށީގައި މައްސަލަތަކެއް އުޅޭކަން ފާހަގަވާންފެށިއެވެ. އަދި ވެއްޓި ލިބުނު އަނިޔާއެއްގައި ޑޮކްޓަރަށް ދެއްކުމުން އަހަރެންގެ ކަށި ފީވާން ފަށާފައިވާކަން އެނގުނެވެ. ޖިންސީ ހޯމޯންތައް ހަށިގަނޑުގައި ނުއުފައްދައި އެހާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑުގެ ކަށިތަށް ވަނީ ވަރަށް ބޮޑަށް ފީވެފައެވެ. އެއްއިރެއްގައި އަހަންނަށް ލިބިފައިވީ ފުރިހަމަ، ސިއްޙަތު ރަނގަޅު ހަށިގަނޑު މުޅިން ބަލި ހަށިގަނޑަކަށް ވެއްޖެއެވެ. އެހިސާބުން އަހަރެން ދައްކަމުން އައި ޑޮކްޓަރު އަހަންނަށް ކަށި ވަރުގަދަކޮށްދޭ ބޭހެއް ދިނެވެ. އެއީ ކަށީގެ ކެންސަރު ޖެހޭ މީހުންނަށްވެސް ދޭ ބޭހެކެވެ. އޭނާއަކީ ވެސް އެލް.ޖީ.ބީ.ޓީ އަށް ސަޕޯޓްކުރާ މީހެއްކަމުން އަހަންނަށް ހޯމޯން އަލުން ދީ، ހެދިއެވެ. އަދި އަހަންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުވާނީ "ފުލް ޖެންޑަރ ރީއެސައިންމަންޓް ސާޖަރީއެއް" ހެދުމުން ކަމަށް އަހަންނަށް އެންގިއެވެ. އެއީ "ވެޖައިނޯޕްލާސްޓީ" އެވެ. (މާނައަކީ ފިރިހެން ޖިންސީ ގުނަވަން އަންހެން ޖިންސީ ގުނަވަނަށް ބަދަލުކުރުމެވެ.)
މަޝްހޫރު ކޮފީ ޝޮޕަކުން އަހަންނަށް ވަޒީފާއެއް ލިބިފައިވާއިރު، މިތާގެ އިންޝުއަރެންސް ސްކީމުން އަހަރެންގެ މިއޮޕަރޭޝަނަށް ޚަރަދު ކުރާނެއެވެ. ސާޖަރީހެދުމަށް އަހަރެން އެޕޮއިންޓްމެންޓް ހެދިއިރު 3 އަހަރު ވަންދެން ވެއިޓިން ލިސްޓުގައި މަޑުކުރަން ޖެހޭނެކަން އެންގިއެވެ. 2017 ވަނައަހަރުގެ ސެޕްޓެމްބަރު މަހު އަހަރެން މިބޮޑު ސާޖަރީ ހެދީމެވެ. ސާޖަރީއަށްފަހު އަހަރެން އުޅެންޖިހިފައިވަނީ ވޭން ބޮޑު ޙަޔާތެކެވެ. އަހަރެންގެ ޖިންސީ އިހުސާސެއްވެސް ނުހުރެއެވެ. މާގިނަ ދުވަހެއްނުވެ، އަހަރެންގެ ހަށިގަނޑުގައިވަނީ އަންހެނެއްގެ ޖިންސީ ގުނަވަނެއް ނޫންކަމާއި، އެއީ ހުޅުވިފައިވާ ޒަހަމެއްގޮތަށް އަހަންނަށް ދެކެވެންފެށުނެވެ. އަހަންނަށް ލިބުނު ނުރައްކާތެރި ހިތްވަރު ތަކެއްގެ ސަބަބުން އަހަރެންވީ (ޙަޤީޤަތް އެނގުމުން) ކަނުވެފައެވެ.
ސާޖަރީގެ 8 މަސްފަހުން އަހަރެން ފިރިހެނަކާއެކު ގުޅުން ހިންގަން އުޅުނީމެވެ. ނަމަވެސް ގުޅުން ހިނގުމުގެ ތެރޭގައި އަހަރެންގެ އަންހެން ޖިންސީ ގުނަވަނުގެ ތެރެއިން ބައިވަރު ލޭއައިސް ބޮޑު ލަދެއްގައި އަހަރެން ބެދެން ޖެހުނެވެ.
ސާޖަރިގެ 1 އަހަރު ފަހުން އަހަރެންގެ އަންހެން ޖިންސީ ގުނަވަނުގެ ތެރޭގައި އާދަޔާ ޚިލާފަށް ނުރައްކާތެރި ބެކްޓީރިޔާ އުފެދިފައިވާކަން އެނގިގެންދިޔައެވެ. އެކަމަށް ބަރާބަރަށް ބޭސް ކުރިނަމަވެސް އަހަންނަށ ދިމާވި މިމައްސަލަ ޙައްލުވާގޮތެއް ނުވިއެވެ. މިހިސާބުން އަހަންނަށް އެއްވެސް ޝައްކެއްނެތްގޮތުގައި އެނގުނީ ސާޖަރީއަކުން އަހަންނަށް ހަށިގަނޑުގައި މި ހަދާލެވުނީ ބޮޑު ފާރުގަނޑެއްކަމެވެ. މިސާޖަރީ އަކީ ކުރުން ހުއްދަ ސާޖރީއެއްކަމުގައި ހަދާފައިވާ ސަބަބުވެސް އަހަންނަށް ވިސްނާވިސްނާ ނޭގުނެވެ. އޭގެއިން ސިއްޙަތު ރަނގަޅު ހަށިގަނޑެއް ހަލާކުކޮށްލައި އެތައް ބައިވަރު ސައިޑްއިފެކްޓް ތަކަކަށް މީހާ ހުށަހަޅުވާލައެވެ.
އެތައް އެންޓިބަޔޮޓިކެއް ނެގުމަށްފަހު މިހާރު އިންފެކްޝަން ރަނގަޅު ކުރެވިއްޖެއެވެ. ނަމަވެސް މިހާރު މިސާޖަރީ ނެހެދުނުނަމައޭ ހިތައްއަރައެވެ. އަހަރެންގެ ދެފައިގެ ދެމެދުގައިވަނީ އަހަރެންގެ ޖިންސު އަންގުވައިދޭނެ ކަމަށް އަހަންނަށް ވިސްނުވައިދީފައިވާ ގުނަވަނެވެ. ނަމަވެސް އެއީ ޙަޤީޤަތުގައި ސާޖަރީއަކުން އުފައްދާފައިވާ ބޮޑު ފާރުގަނޑެކެވެ. އަހަންނަށް ދިމާވެފައިވާ މައްސަލަތައް އަލުން ޙައްލު ކުރެވޭނެ ނަމައޭ ހިތައްއަރައެވެ. އެހެންމީހުން ޓްރާންސްޖެންޑަރ މީހުންނާ އެހާ ބޮޑަކަށް ނުގުޅެއެވެ. މިހާރު ޖިންސީ ގުޅުން ހިންގައި ހެދުންވެސް މިވަނީ މުސްތަޙީލިކަމަކަށް ވެފައެވެ. އަސްލު ޙަޤީޤަތައްބުނާނަމަ، އެއްވެސް މީހަކު އަބަދަށް ޓްރާންސްޖެންޑަރ މީހަކަށް ވާކަށް ބޭނުމެއްނުވާނެއެވެ. ހަށިގަނޑަށް އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ކުރިން އަހަންނަށް މިކަންތައްތައް އެނގުނު ނަމަ އަހަރެން ޓްރާންސްޖެންޑަރ މީހަކަށް ވާކަށް ނޫޅޭނަމެވެ.
އަހަންނަށް ހީވާގޮތުން ކުރިއަށް އޮތް 10 އަހަރުތެރޭގައި އަހަރެންފަދައިން ކުރެވުނު ކަންތަކުގެ މޮޔަހީވެފައިވާ މީހުންގެ ބޮޑު ރާޅެއް މިދުނިޔެ ދެކޭނެއެވެ.
މަސްދަރު: https://sexchangeregret.com/ އިން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!