ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ''މީޑިއާ ފެންޑާ'' މިއަދު އުވާލައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިތަން އުވާލާފައި ވަނީ އެތަނާ ގުޅޭގޮތުން އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރިންގެ ފަރާތުން ހުށަހެޅެމުންދަ ގިނަ ޝަކުވާތަކަކާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުންކަމަށް މި ސަރުކާރުން ގާއިމުކުރި މިތަން އުވާލިކަން އަންގާފައި ވަނީ މިއަދު ރައީސް އޮފީހުން އާންމުކުރި ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މިގޮތުން މީޑިއާ ފެންޑާއަކީ 29 މެއި 2023 ގައި ޤާއިމުކޮށްފައިވާ ތަނެއް ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެއްކަމަށް ވަނީ ބުނެފައެވެ.
މީޑިއާ ފެންޑާ އުވާލަން ނިންމާފައިވަނީ ހުއްދަ ނުނަގާ ބަޔަކު އެތަނަށް ވަދެ، އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުންކަމަށް ރައީސް އޮފީހުން ބުނެފަވެއެވެ. އަދި އެތަނުގައި އާންމު މަޞްލަޙަތު ގެއްލޭ އަދި އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގަމުންދާކަމަށް ވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ނޫސްވެރިން ވަނީ، ހުއްދަ ނުނަގާ ބަޔަކު އެތަނަށް ވަދެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއެޅޭ ކަމަށް އެ އޮފީހަށް ޝަކުވާ ހުށަހަޅާފައެވެ. އަދި އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ރައީސް އޮފީހުން ބުނެފަވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މީޑިއާ ފެންޑާ އުވާލުމަށްފަހު، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރިންނަށް އެހެން ގޮތަކަށް ހަމަޖައްސައިދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!