ދިވެހި ޤައުމީ ތަރިކަތައް އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށެވެ.
މި ޚާއްސަ ދުވަހާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ ރަސްމީ އެކްސް އެކައުންޓްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ މަސައްކަތްތެރި، ހީވާގި އަދި މުރާލި ބައެކެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ތަކެއްޗާއި ކަންކަން، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް ކަމަށާއި ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި މިކަންކަން އަދާކުރުމަކީ ލާޒިމު ވާޖިބެކެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިތުރަށް ވިދާޅުވި ގޮތުގައި ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤައުމީ އަމާނާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!