ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
މި އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު، އަދި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެކެވެ.
މި ވެބްސައިޓު މެދުވެރިކޮށް މަރުކަޒުން ހިންގާ ކޯސްތަކާއި، ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހައިން ލިބިގެންދާނެއެވެ.
- ޤުރްއާނާ ބެހޭ މަރުކަޒުގެ އައު ވެބްސައިޓް: https://nchq.gov.mv/dv
އާ ވެބްސައިޓުގެ އެންމެ ހާއްސަ ކަންތައްތަކުގެ ތެރޭގައި މަރުކަޒުގެ ޚަބަރުތަކާއި މަޢުލޫމާތުތައް ލަސްނުވެ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ހިމެނެއެވެ. މިއީ މަރުކަޒުގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާ ގުޅުވައިލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައެވެ. މިގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުން ފަދަ މުހިންމު މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
މި އާ ވެބްސައިޓާއެކު، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!