ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމުގެ މަގްސަދުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގައި ފަށައިފިއެވެ.

މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ ށ. ޅައިމަގުގައެވެ. ސެޕްޓެންބަރު 9 އިން 13 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަނާއި ށ. އަތޮޅު ފުލުހުން އަދި ސްކޫލުތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްކޫލު ދަރިވަރުންނާއި، ބެލެނިވެރިން އަދި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސެޝަންތަކުގައި، އަހުލާގު ރަނގަޅު އަދި ޒިންމާދާރު ދަރިވަރުންތަކަކަށް ވުމަށާއި، އެހެން ދަރިވަރުންނަށް ނަމޫނާ ދެއްކުމަށް އަދި ކުށްތަކުން ރައްކާތެރިވެ ތިބުމަށް މައުލޫމާތު ފޯރުކޮށްދެއެވެ. އަދި "ކާމިޔާބު ބެލެނިވެރިޔާ" ގެ ނަމުގައި ބެލެނިވެރިންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދެއެވެ. މި ސެޝަންތަކުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ކުށްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާކުރެއެވެ.

މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "އަރުތަ" ޕްރޮގްރާމުގެ ނަމުގައި ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދެއެވެ. މި ސެޝަންތަކުގައި ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން އުނގަންނައިދެއެވެ. މީގެ އިތުރުން ޓީމް ބިލްޑިންގ ހަރަކާތްތައްވެސް ކުރިއަށްގެންދެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާގޮތުގައި، ކުށްމަދުކުރުމާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މިފަދަ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. މި ޕްރޮގްރާމުތަކަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކުރާނެ ކަމެއް ކަމުގައި ފުލުހުން ފާހަގަކުރެއެވެ.