އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާ އަށް އިއްޔެ ދިން ހަމަލާއަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.

އިސްރާއީލުން ދޯހާ އަށް ދިން ހަމަލާގައި އަމާޒުކޮށްފައިވަނީ ޤަޠަރުގައި ތިބި ހަމާސްގެ ލީޑަރުންނަށެވެ. މި ހަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި ޤަޠަރުގެ ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

Ad
rt

މި ހަމަލާއާ ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، އިޒްރޭލުގެ މި ޢަމަލަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ ދެމިއޮތީ ޤަޠަރާ އެކުގައި ކަމުގެ ޔަޤީންކަން ރައީސް ވަނީ އާކުރައްވާފައެވެ.

މީގެއިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފަށް އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، އިޒްރޭލުގެ މި ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން ފިޔަވަޅު އެޅުން އަވަސްކުރުމަށް މުހިންމު ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާ އަށް ހަމަލާދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޣައްޒާ ހަނގުރާ ހުއްޓުމަކަށް ގެނައުމުގެ ހުށަހެޅުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމާސްގެ ލީޑަރު ޚަލީލް އަލް-ހައްޔާ އާއި އެހެން ޙަމާސްގެ އިސް ލީޑަރުން ބައްދަލުވެ ތިބި ވަގުތުގައެވެ.

ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސް މެންބަރު ސުހައިލް އަލް-ހިންދީ ''އަލް ޖަޒީރާ'' އަށް ރޭ ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ލީޑަރުން ޝަހީދުކޮށްލުމަށް އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. ނަމަވެސް، މި ހަމަލާގައި ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ޚަލީލް އަލް-ހައްޔާ ސަލާމަތްވެފައިވީ ނަމަވެސް، އޭނާގެ ދަރިފުޅު ހުމާމް އަދި އޭނާގެ އެއް އިސް އެހީތެރިޔަކު ޝަހީދުވެފައިވާ ކަމަށް އަލް-ހިންދީ ވަނީ ހާމަކުރައްވާފައެވެ. އަދި މި ހަމަލާގައި އެ ޖަމާޢަތުގެ އިތުރު ތިން ބޮޑީގާޑުންނާ ގުޅުން ކެނޑިފައިވާ ކަމަށާއި، އެ މީހުންނަށް ވެފައި ވަނީ ކޮންކަމެއް ކަމެއް އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.