ބ. ދޮންފަނު ބިން ނުހިއްކުމަށް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
އެރަށު ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ސޮއިކުރީ މިދިޔަ އޯގަސްޓް މަހު ރައީސް ބ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން 13 އޯގަސްޓްގައި ދޮންފަނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އެދުވަހު ދޮންފަނު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މި އަހަރުތެރޭ މި މަސައްކަތް ފެށޭނެ ޔަގީންކަން ދެއްވާފައެވެ. އަދި އެ މަޝްރޫޢުގެ ދަށުން ހިއްކޭ 13 ހެކްޓަރުގެ ބިމާއެކު ރަށުގެ ބިމުގެ ދަތިކަމަށް، ރަށުގެ ފަޅުތެރެއިން ޙައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ޙައްލު ގެނެވޭނެކަން ވަނީ ފާހަގަކުރަށްވާފައެވެ.
ދޮންފަނު ބިން ހިއްކުމަކީ އެރަށުން އެގޮތަށް އެއިރު އެދުމުން ރިޔާސީ އިންތިޚާބުގައި ރައީސް އެރަށަށް ވެވަޑައިގަތް ވަޢުދުފުޅެކެވެ.
މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެންކަމަށެވެ. އަދި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށާއި މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ.
މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން އެރަށަށް ވަޢުދުވެވަޑައިގެން، އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
''ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން.'' ރައީސް ވިދާޅުވެފައެވެ.
ރައީސް މި ނިންމެވުން ނިންމާފައިވާއިރު، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށް ކައިރީ އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ މަޝްރޫޢު ހިންގުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.
ބ.އަތޮޅު ދޮންފަނާއި ޖެހިގެން އޮންނަ ހަނިފަރު ކަނޑުއޮޅި އަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު، ޙިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަޙައްދެކެވެ. އަދި މިތަނަކީ ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާވެއްވެސް މެއެވެ. މިތަން އެންމެ މަޝްހޫރުވެފައިވަނީ ވަކި މޫސުމެއްގައި އެތައް ސަތޭކަ މަންޓާ އާއި ގިނަ އަދަދެއްގެ ފެހުރި މަސް އެއްވާ ތަނެއްގެ ގޮތުގައެވެ.
މި ކަނޑުއޮޅީގެ ޚާއްޞަ ބައްޓަމާއި އޮންނަ ސަރަޙައްދުގެ ސަބަބުން، ހުޅަނގު މޫސުމުގައި، އާންމުކޮށް މޭ މަހުން ނޮވެމްބަރު މަހާ ހަމައަށް، ގިނަ އަދަދެއްގެ ޕްލެންކްޓަން މިތަނަށް އެއްވެއެވެ. މިގޮތަށް ކާނާ ގިނަވުމުގެ ސަބަބުން މި ބޮޑެތި ޖަނަވާރުތައް މިތަނަށް އެއްވެއެވެ. މިގޮތުން މަންޓާ މަސްތައް ވަށްބުރެއްގެ ސިފައިގައި ދަތުރުކުރަމުން ކާނާ ހޯދާ މަންޒަރު ފެނުމަކީ ވަރަށް ޚާއްޞަ ތަޖުރިބާއެކެވެ.
މިތަނުގެ ތިމާވެށީގެ މުހިންމުކަމުގެ ސަބަބުން، މިތަނުގައި އުޅޭ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށް ޚާއްޞަ ގަވާއިދުތަކެއް ހެދިފައިވެއެވެ. މިގޮތުން މި ކަނޑުއޮޅީގައި ސްކޫބާ ޑައިވިންގ ކުރުން މަނާކުރެވިފައިވާއިރު، ހަމައެކަނި ސަރޓިފައިޑް ގައިޑެއްގެ އެހީގައި ސްނޯކަލިންގ ކުރުމުގެ ހުއްދަ ދެވިފައިވެއެވެ.
މިގޮތުން މި ޤުދުރަތީ މަންޒަރު ބަލާލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިތަނުގައި އުޅޭ ކަނޑުގެ ދިރުންތަކަށް އުނދަގޫ ނުވާނެހެން މި ތަޖުރިބާ ކުރެވޭނެއެވެ. ހަނިފަރު ކަނޑުއޮޅި އަކީ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުގެ ކާމިޔާބު މިސާލެކެވެ. އަދި ކަނޑުގެ ދިރުންތަކަށް ޝައުޤުވެރިވާ އަދި ތިމާވެށި ރައްޓެހި ފަތުރުވެރިކަމަށް ޝައުޤުވެރިވާ ކޮންމެ ފަރާތަކުންވެސް ކޮންމެހެން ޒިޔާރަތްކުރަންޖެހޭ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!