ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ބެއިޖިންގ ގެ ޓިއަނަންމެން ސްކޮއަރ ގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ގެ ދަޢުވަތަކަށެވެ.

Ad
rt

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަރިހުގައި އެޤައުމުގެ އެންމެ އިސްވެރިންނާއި، މިހާރު ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ އެހެން ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އާދީއްތަ ދުވަހު ހެނދުނު ބައްދަލުކުރަށްވާފައެވެ. މި ބައްދަލުކުރެއްވުގައި ދެ ރައީސުން ކުރެއްވި މަޝްވަރާތަކުގައި އިޤްތިޞާދީ ތަރައްޤީ، ވިޔަފާރި، އިންވެސްޓްމަންޓް، ސަލާމަތީ އެއްބާރުލުން އަދި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ރާއްޖެ އާއި ޗައިނާ އާއި ދެމެދު ވަނީ އިޤްތިޞާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު 11 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ވަނީ ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާ ބައްދަލުކުރަށްވާފައެވެ. އަދި އަންގާރަ ދުވަހު ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އާއި ބައްދަލުކުރަށްވާފައެވެ.