ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ވަޔެކާނޯއިން ވަނީ ޓީމް ކުރިއަށް ޖައްސައި ބާސާއަށް ގޭމް ކޮންޓްރޯލް ކުރުމަށް ދަތިތަކާއި ކުރިމަތިކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގާލު ފުރުސަތު ލިބުނެވެ. ހާއްސަކޮށް ވަޔެކާނޯގެ އަންދްރެއީއަށް ލިބުނު ހުސް ފުރުސަތު ފާހަގަ ކޮށްލެވެއެވެ. ބާސާގެ ގޯލު ކުރިމައްޗަށް ހުރަސްވީބޯޅަ އޭނާ ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް ބާސާގެ ގޯލު ބެލެހެއްޓި ގާސިއާ ވަނީ މަތަކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ޖަހައިދިނީ ޔަމާލްއެވެ. މި ޕެނަލްޓީ ބާސާއަށް ދީފައިވަނީ، އޭރިއާ ތެރެއިން ވަޔެކާނޯގެ ކަވަރެއާ، ޔަމާލަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
މި ޕެނަލްޓީއާއި މެދު މައްސަލަބޮޑުވެ ވަޔެކާނޯގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ނަމަވެސް މެޗުގައި ވީއޭއާރުގައި މައްސަލަތަކެއް ދިމާވުމުން ރެފްރީއަށް އެ ސީން ބެލޭނެ އިތުރު ގޮތެއް ނެތެވެ. ރެފްރީ އެ ނިންމުން ނިންމާފައި ވަނީ ވީއޭއާރު ބޭނުން ނުކޮށެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ވަޔެކާނޯއިން ވަނީ ބާސާގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބާސާގެ ކީޕަރު ގާސިއާ ވަނީ ހުޝިޔާރުކަމާއިއެކު އެ ހަމަލާތައް ހުއްޓުވާފައެވެ.
މެޗުގައި ވަޔެކާނޯއިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 67 ވަނަ މިނެޓުގައި އިސީ ޕަލަޒޮން ނަގައިދިން ކޯނަރަކުން ތަނަވަސްވީ ފުރުސަތުގައި ފެރާން ޕެރޭޒް ޖަހައިދިން ލަނޑުންނެވެ.
އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ބާސާ، ދެ މެޗުން މޮޅުވިއިރު އެއްމެޗު މިވަނީ އެއްވަރުވެފައެވެ. މިވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެއްވަނާގައި އޮތީ ތިން މެޗުން ވެސް މޮޅުވި ރެއާލް މެޑްރިޑެވެ. އެ ޓީމަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!