މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާ ގުޅިގެން، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް މުޢިއްޒު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެ އެސޯސިއޭޝަނާ ވަނީ ބައްދަލުކުރަށްވާފައެވެ.

Ad
rt

އެއް ގަޑިއިރަށްވުރެ ދިގު ދެމިގެން ދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށާއި، މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅެއް ނުވެއެވެ. މިގޮތުން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައްދަލުވުން ނިމުމުގެ ކުރިން ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ދެއްވާފައެވެ.

19 އޯގަސްޓް 2025ގައި ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު''ގެ ނަމުގައި ހަންނާން މި ބިލު ހުށަހެޅުއްވުމާއިއެކު ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.