ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) މިއަދު ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ކޮންފަރެންސްގެ ހޯލްގައި ކުރިއަށްދާ މި މިހާސިންތާ ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ.
ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނީޒާއެވެ.
މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒައްދީން އަދުނާން ވިދާޅުވީ، މި މަހާސިންތާއިން ޒަކާތުގެ ނިޒާމާއި އިސްލާމީ މާލީ ނިޒާމުގެ ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އެއްތަނެއްގައި މަޝްވަރާކުރުމުގެ ފުރުސަތު މަހާސިންތާއިން ލިބިގެންދާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު ޒަކާތުގެ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރާކޮށް، ކްރިޕްޓޯ ކަރަންސީފަދަ ޒަމާނީ އާމްދަނީގެ ބާވަތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެހެންމެ ބްލޮކްޗެއިން އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ނިޒާމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ވެސް މަޝްވަރާކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަގްވާމީ ޒަކާތު މަހާސިންތާ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ މަހާސިންތާގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމު ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މިފަހަރުގެ މަހާސިންތާގައި މަޝްވަރާކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަހާސިންތާގައި ޢިލްމުވެރިންނާއި، މި ދާއިރާގެ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން ބައިވެރިވެ، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބޭއްވިފައިވަނީ 2024 ވަނަ އަހަރުގައެވެ. މި މަހާސިންތާއަކީ އެ ކާމިޔާބު މަސައްކަތުގެ ދެވަނަ އަހަރީ ބައްދަލުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!